ލައިސަންސް ދޫކުރުމުގައި ނުރަނގަޅު އެތައް ކަމެއް! ބޮޑެތި ތުހުމަތު ތަކެއް؟
ހުވަދުއަތޮޅު ދެކުނުބިތުގެ ގައްދޫ ކައުންސިލް އިދާރާއިން ދެމުންއައި އެއްގަމު ލައިސަންސް ހުރިހާ ޚިދުމަތްތަކެއް މެދުކެނޑިފައިވަނީ ޒިންމާދާރު ބައެއްގެ އިހުމާލުން ކަމަށާއި މިކަމުގައި މާލީ ބޮޑެތި ފައިދާތަކެއް ހޯދުމުގައި ހިންގި ޤާނޫނާއި، ޤަވާޢިދާއި، ޚިލާފް އެތައް ކަމެއްގެ ސަބަބުން ކަމަށް ގައްދޫ ކައުންސިލް އިދާރާއިން ހާމަކޮށްފިއެވެ.
ގައްދޫ ކައުންސިލް އިދާރާއިން ނެރެފައިވާ ނޫސްބަޔާނުގައި ވަނީ 05 ވަނަ ދައުރުގެ ކައުންސިލަރުން މަސައްކަތަށް ނުކުތުމުގެ ފަހުން ވެސް ލައިސަންސްގެ ކަންކަމުގައި ގިނަ ޝަކުވާތަކެއް ލިބުނު ކަމަށާއި މިގޮތުން 6 ސެޕްޓެމްބަރ 2026 ވަނަ ދުވަހު ގައްދޫ ކައުންސިލްގެ ރައީސަށް ލިބުނު ވަރަށް އިތުބާރުހުރި މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް، ބެލިބެލުމުން ލައިސަންސް ނެގިމީހާ މާލޭގައިހުރެ 30 އޮގަސްޓް 2026 ގައި ލައިސަންސަށް އެޕްލައިކޮށް 31 އޮގަސްޓް 2026 ގައި ގައްދޫ ކައުންސިލް އިދާރާއިން ލައިސަންސް ދޫކޮށްފައިވާ ކަމަށެވެ.
މި މައްސަލައާއި ގުޅިގެން ބެލިބެލުމުން މިކަމަކީ 4 ވަނަ ދައުރުގެ ކައުންސިލްގެ ބައެއް މެމްބަރުންގެ ބައިވެރިވުމާއިއެކު ހިންގާފައިވާ ނާތަހުޒީބު ޖަރީމާއެއް ކަމަށް ނޫސްބަޔަނުގައި ވަނީ ފާހަގަ ކޮށްފައެވެ.
ގައްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި މިހާދިސާ އާއި ގުޅިގެން މިހިނގާ ސެޕްޓެމްބަރ 17 ވަނަ ދުވަހު، ކަމާބެހޭ މިނިސްޓްރީގެ ޓީމެއް ގައްދުއަށް ވަޑައިގެން މޮނިޓަރިންގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި މިކަމުގެ ތެރެއިން ޤަވާޢިދާއި، ޚިލާފަށް ގިނަކަންކަން ހިނގާފައިވާކަން އެފަރާތުން ފާހަގަ ކޮށްފައިވާ ކަމަށެވެ.
ޤަވާއިދާ ޚިލާފަށް ލައިސަންސް ދޫކުރުމުގެ މައްސަލާގައި ބެލިބެލުމުން ގްރޭޓަރ މާލޭ ސަރަޙައްދުގައި، މާލެއިން ލައިސަންސް ނަގާފައިވާ ޢަދަދާއި، ދާދި އެއްވަރަކަށް ގައްދޫއިން ލައިސަންސް ދޫކޮށްފައިވާކަން ފާހަގަ ކުރެވިފައިވާ ކަމަށާއި ވޭތުވިދިޔަ 1 އަހަރެއްހާ ދުވަހުގެ ތެރޭގައި ގައްދޫއިން 1600 އަށްވުރެ ގިނަ ލައިސަންސް ދޫކޮށްފައިވާ ކަމަށާއި މި މައްސަލާގައި އެގްޒަމިނަރުންގެ ފަރާތުން ލިބުނު މަޢުލޫމާތަށް ބަލާއިރު ހަފްތާއަކަށް ދެތިން މީހުންވެސް ޕްރެކްޓިކަލް ހަދާފައި ނުވާކަންވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ކައްދޫ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެއްގަމާއި، ކަނޑު ލައިސަންސްގެ ޚިދުމަތް ފެށުމަށް ކަމާއި، ގުޅުންހުރި ސަރުކާރުގެ ފަރާތްތަކާއި، މަޝްވަރާކޮށް ކައުންސިލުން މަސައްކަތް ކުރަމުންދާ ކަމަށާއި މިހިނގާ ކައުންސިލްގެ 5 ވަނަ ދައުރުގައި މިފަދަ ނާތަހުޒީބު ޖަރީމާތަކާއި، ވައްކަމާއި، ޚިޔާނާތް ގައްދޫ ކައުންސިލުން ނުހިގާނެ ގޮތަށް އިދާރާގެ ކަންކަން އިންތިޒާމްކޮށް، މުޅި ރައްޔިތުންނަށް އެންމެ ފައިދާހުރި ކަންކަމުގައާއި، އަދި ޤާނޫނާއި، ޤަވާޢިދު ތަންފީޒްކުރުމުގައި ކައުންސިލުން ދެމި އޮންނާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދީފައެވެ.
