Politics Featured

ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން: ޢަދުލުވެރި އަދި ހަރުދަނާ ނިޒާމެއްގެ މުހިންމުކަން

Advertisement
ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުން: ޢަދުލުވެރި އަދި ހަރުދަނާ ނިޒާމެއްގެ މުހިންމުކަން
ތަފްޞީލް

ކުށްކޮއްގެން މުދާ ހޯދުން

ކުށްކޮށްގެންނާއި ޚިޔާނާތާއި ކޮރަޕްޝަންގެ ޒަރީއާއިން ނާޖާއިޒު މަންފާ ހޯދައި، ޖަމާކުރާ މުދަލާއި ފައިސާ ދައުލަތަށް އަނބުރާ ހޯދުމަކީ ޤައުމެއްގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެކެވެ. އިސްލާމީ ޝަރީޢަތާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ވެސް ބާރުއަޅަނީ ޙައްޤު ނޫން ގޮތުގައި މީސްތަކުންގެ މުދާ ނުކެއުމަށާއި، ބޭއިންސާފުން ހޯދާ މުދާ އޭގެ ޙައްޤުވެރިންނަށް ރައްދުކުރުމަށެވެ. އެހެންނަމަވެސް، ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމުގެ މުޅި ޕްރޮސެސް ހިނގަންވާނީ ވަކި އުޞޫލުތަކަކާއި ހަމަތަކެއްގެ މަތިން، އިންސާފުވެރި އަދި ޝައްކެއްނެތް މިންވަރަށް ޤާނޫނީ ހަމަތައް ފުރިހަމަވެގެންނެވެ.

 

ސިޔާސީ ނުފޫޒުން އެއްކިބާވުން

އެންމެ ފުރަތަމަ ކަމަކަށް، ކުށްކޮށްގެން މުދާ ހޯދިކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ މައްސަލަތައް ބެލުމުގައާއި އެފަދަ މަޢުލޫމާތުތައް ހާމަކުރުމުގައި ދައުލަތުގެ އެންމެހައި މުއައްސަސާތަކާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒުން އެއްކިބާވާންޖެހެއެވެ. ސިޔާސީ ވާދަވެރިކަމުގައި ވަކި ފަރާތަކަށް އަމާޒުކޮށްގެން ނުވަތަ ބަދަލުހިފުމުގެ ރޫޙެއްގައި ތަޙްޤީޤުތައް ހިންގުމުގެ ބަދަލުގައި، ހަމަހަމަކަމާއި ވަކިފަރާތަކަށް ނުޖެހި މައްސަލަ ބެލޭނެ ހަރުދަނާ އޮނިގަނޑެއް އެކަށައަޅަންޖެހެއެވެ. މިގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަޙްޤީޤީ ޤާބިލުކަން އިތުރުކޮށް، އެ މުއައްސަސާތަކަކީ ސިޔާސީ ވިސްނުމުން އެއްކިބާވެފައިވާ، ރައްޔިތުންގެ ފުރިހަމަ އިތުބާރު ލިބިފައިވާ ތަންތަނަށް ހަދަންޖެހެއެވެ. ހަމައެއާއެކު، އޮޑިޓް އޮފީހުގެ ދައުރު ފުޅާކޮށް، މާލީ އޮޑިޓްތަކަކީ ޕްރޮފެޝަނަލް އަދި މިނިވަންކަމާއެކު ކުރެވޭ އޮޑިޓްތަކަކަށް ހެދުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ޚާއްޞަކޮށް ތުހުމަތުކުރެވޭ ފަރާތްތަކުން ފައިސާއާއި މުދާ އެކި އެކައުންޓްތަކަށާއި އެހެން ފަރާތްތަކުގެ ނަމަށް ބަދަލުކޮށްފައިވާ ގޮތުގެ ފޮރެންސިކް އޮޑިޓެއް ފުރިހަމައަށް ހެދިފައި އޮތުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ މައިގަނޑު އަސާސެވެ.

 

އަދުލުވެރި ޝަރީޢަތެއް ހިންގުން

ދެވަނަ ކަމަކަށް، މުދާ ދައުލަތަށް ނެގުމުގެ އެންމެހައި މަރުޙަލާތައް ނިންމަންވާނީ ޢަދުލުވެރި ޝަރުޢީ ނިޒާމެއްގެ ތެރެއިންނެވެ. މިގޮތުން ކޯޓުތަކަކީ އާންމުންގެ އިތުބާރު ލިބިފައިވާ، ނުފޫޒުން އެއްކިބާވެފައިވާ ތަންތަނަށް ވާންޖެހެއެވެ. ޝަރީޢަތްތައް ހިންގަންވާނީ ހާމަކަން ބޮޑު، އިންސާފުވެރި އަދި ދެފުށް ފެންނަ ގޮތެއްގައެވެ. އަދި ތުހުމަތުކުރެވޭ ފަރާތުގެ މައްޗަށް މައްސަލަ ސާބިތުވުމުގެ ކުރިން ނެރެވޭ މުދާ ހިފެހެއްޓުމުގެ ވަގުތީ އަމުރުތަކާއި އަދި މައްސަލަ ނިމިގެން ނެރޭ ޙުކުމްތަކަކީވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނެރެވޭ އިންސާފުވެރި ނިންމުންތަކަކަށް ވާންޖެހެއެވެ. މީގެއިތުރުން، މިފަދަ ނާޒުކު މައްސަލަތަކުގައި މީޑިއާތަކުން ވެސް ޒިންމާދާރުކަމާއެކު، ވަކި ފަރާތަކަށް ޖެހުމެއްނެތި އަދި މީހުންގެ އަބުރަށް ހުތުރުނުވާނޭހެން ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ވެއްޓެއް އޮތުން މުހިންމެވެ.

 

މުދާ ނެގުމަށްފަހު ބެލެހެއްޓުން

އެންމެ ފަހު ކަމަކަށް، ކުށް ސާބިތުވެގެން ދައުލަތުގެ ބެލުމުގެ ދަށަށް މުދަލާއި ފައިސާ ގެނައުމަށްފަހު، އެ ތަކެތި ބެލެހެއްޓުމަށްޓަކައި ހަރުދަނާ ނިޒާމެއް ޤާއިމުކުރަންޖެހެއެވެ. ސިޔާސީ އަދި ޒާތީ އެކިއެކި ނުފޫޒުތަކުން އެއްކިބާވެފައިވާ ވަކި މުއައްސަސާއަކުން ނުވަތަ ޑިޕާޓްމަންޓަކުން މި މުދާތައް ރައްކާތެރިކަމާއެކު ބަލަހައްޓައި، މުދަލުގެ އަގު ވެއްޓުނަނުދީ މެނޭޖްކުރެވޭނެ އިންތިޒާމް ހަމަޖެހެންވާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ، އިޖުރާއާތުތައް ފުރިހަމަނުކޮށް ނުވަތަ ޤާނޫނާ ޚިލާފަށް މުދާ އަތުލުމުގެ ސަބަބުން، ފަހުން ބައިނަލްއަޤްވާމީ ނުވަތަ ރާއްޖޭގެ ކޯޓުތަކުން ބޮޑެތި ބަދަލު ދޭންޖެހި، މުޅި ދައުލަތަށާއި ރައްޔިތުންނަށް އޭގެ މާލީ ބުރަ އުފުލަން ނުޖެހޭނޭ ފަދަ ޙިކުމަތްތެރި، ޤާނޫނީ ގޮތުން ފުރިހަމަ އިންތިޒާމުތަކެއްގެ ތެރެއިން މިކަންކަން ތަންފީޒުވުމެވެ.

 

އަހުރެންގެ ޚުލާޞާ

ޚުލާޞާކޮށް ދަންނަވާނަމަ، ކުށްކޮށްގެން ހޯދާ މުދަލާއި ފައިސާ ދައުލަތަށް ނެގުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެކަން ކާމިޔާބުވާނީ ތަޙްޤީޤީ އިދާރާތަކާއި، އޮޑިޓް ނިޒާމާއި، ޝަރުޢީ ދާއިރާ ސިޔާސީ ނުފޫޒުން އެއްކިބާވެ، ހާމަކަންބޮޑު، އިންސާފުވެރި އަދި ޒިންމާދާރު އުޞޫލުތަކެއްގެ މަތިން ކަންކަން ތަރުތީބު ކުރެވިގެންނެވެ. އޭރުން ދައުލަތުގެ މާލިއްޔަތަށް ލިބެންޖެހޭ ޙައްޤު ފައިސާ ލިބި، ޤައުމުގައި ޢަދުލުއިންސާފުގެ ވެރިކަން ދެމެހެއްޓޭނެއެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް