ކުރިއަށްއޮތް 20 އަހަރު ދިއްދޫ ބިން ބޭނުންކުރާނެގޮތުގެ ލޭންޑްޔޫސް ޕްލޭނެއް ތައްޔާރުކުރަނީ
ހއ. ދިއްދޫ ކައުންސިލްގެ އިޚްތިޞާޞްގައި ހިމެނޭ ހއ. ދިއްދޫގެ ބިން ( ކުރިއަށް އޮތް 20 އަހަރު ދުވަހު ) ބޭނުންކުރާނެގޮތުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވުމުގެ ފުރުޞަތު 25 އޮކްޓޯބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ފޯނު ނަންބަރު 6500019 އަށް ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.
ބީލަން ރަޖިސްޓަރީ ކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ރަސްމީ މެއިލް އެޑްރެސްކަމަށްވާ info@hadhidhoo.gov.mv އީމެއިލްއަށް މެއިލް ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ނިމިދިޔަ ކައުންސުލުން ވެސްވަނީ ދިއްދޫގެ ބިން ބޭނުންކުރާނެ ގޮތުގެ ލޭންޑްޔޫސް ޕްލޭނެއް މީގެކުރިން ހަދާފައެވެ. ނަމަވެސް އޭރު ދިއްދޫގައި އެއަރޕޯޓް އަޅާގޮތަށް ބިންހިއްކާ ފައެއް ނުވެއެވެ.