ކުޅުދުއްފުށީ އެއަރޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކުރާނެ ފަރާތެއް ހޯދަނީ

ކުޅުދުއްފުށީ އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް ހިންގާނެ ބަޔަކު ހޯދުމަށް ސިޓީ ކައުންސިލުން ހުޅުވާލައިފި އެވެ.
ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، އެރަށު ކުންބުއްޓި ކުޅިމަތި މަގާއި ދަނޑުމަގާ ގުޅޭ ކަންމަތި ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ރެސްޓޯރެންޓް ތަރައްގީކުރަން ދޫކުރަން ހަމަޖެހިފައިވަނީ 6000 އަކަފޫޓްގެ ސަރަހައްދެއް، 25 އަހަރަށެވެ. 6000 އަކަފޫޓްގެ ބިމެއް ކަނޑައެޅިނަމަވެސް އިމާރާތްކުރެވެނީ 3000 އަކަފޫޓްގެ ސަރަހައްދެއްގަ އެވެ.
މިއީ އެއާޕޯޓް ސަރަހައްދުން ހިތްފަސޭހަ މާހައުލެއްގައި ފެންވަރު ރަނގަޅު ކާބޯތަކެތީގެ ހިދުމަތް ލިބޭނެ އިންތިޒާމެއް ހަމަޖެއްސުމާއި ރަށުގެ އިގްތިސޯދީ ދުވެލި ހަލުވިކުރުމުގެ މަގުސަދުގައިކަމަށް ކައުންސިލުން ބުނެ އެވެ. އަދި މީގެ އިތުރުން އިންވެސްޓަރުންނަށް ފަހި ފުރުސަތުތަކެއް ތަނަވަސްކޮށްދީ ކައުންސިލްގެ އާމްދަނީ އިތުރުކުރުމެވެ.
ރެސްޓޯރެންޓް އިމާރާތުގެ ކޮންސެޕްޓް އެކުލަވާލަންވަނީ އެ ސަރަހައްދުގެ ގުދުރަތީ ވެއްޓާއި ގަސްގަހާގެހި ވިހާވެސް ބޮޑަށް ހިމާޔާތްކޮށް ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ އަދި އެ ސަރަހައްދުގެ ވެއްޓާ ގުޅޭ ގޮތަށްކަމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ނޮވެމްބަރުމަހުގެ ދެވަނަ ދުވަހުގެ 10:30 ގައި އަންދާސީ ހިސާބު ހުށައެޅުމަށްވެސް އެކައުންސިލުން އެދިފައިވެއެވެ.
އެއާޕޯޓް ސަރަހައްދުގައި ރެސްޓޯރެންޓެއް ތަރައްގީކުރަން ބިން ދޫކުރަން ފުރަތަމަ ނިންމީ މިދިޔަ ދައުރުގެ ކައުންސިލުންނެވެ. އެހެންނަމަވެސް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާއެކު ދައުރުގެ ފަހު އަހަރު ބިން ކުއްޔަށް ނުދެވޭ ގޮތަށް ސަރުކާރުން ބަދަލުކުރުމުން އެކަން ނުވީ އެވެ.