ކުޑަކުދީންނަށް އިރުގެ އަލިކަން ލިބުން މުހިންމުވާ ސަބަބުތައް 2 ވަނަ ބައި

"ސަރކޭޑިއަން ރިދަމް އެއްހަމައެއްގައި ހިފަހައްޓަނީ ދުވާލުގެ އަލިކަމުގެ މިންވަރުތައް ލޮލަށް ފެނުމުން، ސިކުނޑީގެ ހައިޕޯތަލަމަސްގައި ހުންނަ ސުޕްރަކިއާސްމެޓިކް ނިއުކްލިއަސްގައިވާ މައި ބަޔޮލޮޖިކަލް ގަޑިއަށް ސިގުނަލުތައް ފޮނުވައި، މި ނިޒާމުގައިވާ ނިދި އައުމާއި ނިދުމުގެ ވަގުތު ކަނޑައެޅުމާ ގުޅިފައިވާ ހޯމޯންއެއް ކަމުގައިވާ މެލަޓޮނިން އުފެއްދުން އެކި މިންވަރުތަކަށް ކޮންޓްރޯލްކޮށްގެން" ކަމަށް ޑރ. އާމިނަތު އަބޫބަކުރު ވިދާޅުވެއެވެ.
ޑރ. އާމިނަތު އިތުރަށް ވިދާޅުވީ އިރުގެ އަލީގެ ކުލަތަކަށް އަންނަ ބަދަލުތަކުގެ ތެރެއިން، ހެނދުނުގެ އަލިކަމުން ހޭލުންތެރިކަމަށް އެހީތެރިވެދެއެވެ. އަދި ހަވީރު އަނދިރިވަމުން އަންނައިރު، އެކަމުން ސިކުނޑި ހަމަޖައްސައިދީ ނިދުމަށް މަގުފަހިކޮށްދެއެވެ.
އަލަށް އުފަންވާ ތުއްތު ކުދިންގެ ސަރކޭޑިއަން ރިދަމް އެއްކޮށް ފުރިހަމައެއް ނުވާނެ. އެކުދިން ވެސް އިރުގެ އަތްވަށް ނެރުމުން އެ ނިޒާމު ގަވާއިދަށް ފެތުމަށާއި ފުރިހަމައަށް ތަރައްގީވުމަށް އެހީތެރިވެދޭ. " - ޑރ. އާމިނަތު އަބޫބަކުރު ވިދާޅުވެއެވެ.
ރޭގަނޑު ސްކްރީން ދެއްކުމަކީ ރޭވުމަށް ފަހު ގުދުރަތީ ގޮތުން އުފެދޭ ނިދުމުގެ ހޯމޯން އުފެދުން ހުއްޓުވުމަށް މަގުފަހިކުރުވާކަމެއް ކަމަށް ވާތީ އަނދިރިވުމަށްފަހު ފޯނާއި ޓެބްލެޓްފަދަ ސްކްރީންތައް ކުޑަކުދިންނަށް ނުދެއްކުން މުހިއްމުކަމަށް ވެސް ޑރ. އާމިނަތު ވިދާޅުވިއެވެ.
އަލަށް އުފަންވާ ތުއްތު ކުދިން ރީނދޫވުމުން ރައްކާތެރިކޮށްދިނުމަށް ބޭނުންތެރި ވޭވްލެންތުތަކުގެ ދޯދި ވެސް އިރުގެ އަލިގައި ހުންނާތީ، އަލަށް އުފަންވާ ކުދިންގެ ސަރކޭޑިއަން ރިދަމް ހަމައަކަށް އެޅުވުމުގެ އިތުރުން ރީނދޫވާ މިންވަރު ކުޑަކުރުމަށް ވެސް އިރުގެ އައްޔަކީ ގުދުރަތީ ބޭހެކެވެ.
އެހެންނަމަވެސް ހެނދުނު އިރުގެ އަތްވަށް ނެރުމަކީ ތުއްތުކުދިން ރީނދޫވުމުން ބިލިރުބިން ދައްކުރުމަށް ދޭ ފޮޓޯތެރަޕީ ފަރުވާދިނުމުގެ ބަދަލުގައި ދެވޭނެ ފަރުވާއެއް ނޫނެވެ
ވިޓަމިމް- ޑީ އިރުގެ އަލިކަމާއި ކަށީގެ ހެދި ބޮޑުވުން
އިރުގެ އަލިކަމުން އަންނަ ޔޫ.ވީ.ބީ. ރޭޑިއޭޝަން ހަންގަނޑަށް ފޯރުމުން، އެއިން ވިޓަމިން-ޑީ3 އުފެއްދުމަށް ބާރުއަޅައެވެ. ވިޓަމިން-ޑީއަކީ ހަށިގަނޑަށް ކެލްސިއަމް އަދި ފޮސްފަރަސް ނަގައިދިނުމަށް އެހީތެރިވެދޭ، އަދި ކަށިތައް ދުޅަހެޔޮކަންމަތީ ހެދިބޮޑުވުމަށާއި ވަރުގަދަވުމަށް ކޮންމެހެން ބޭނުންތެރި މާއްދާތަކެކެވެ.
މީގެ އިތުރުން ނާރުތަކާއި މަސްތަކުގެ މަސައްކަތަށާއި ދިފާއީ ނިޒާމުގައި ވެސް ވިޓަމިން ޑީ މުހިންމު ދައުރެއް އަދާކުރެއެވެ. އެންމެ ތުއްތު އުމުރުން ފެށިގެން ފުރާވަރު އުމުރަކީ ވެސް ކުދީންގެ ކަށިތައް ހަލުވިކަމާއެކު އުފެދި ބޮޑުވާ އުމުފުރާތަކެއް ކަމަށް ވާތީ އިރުގެ އައްޔަކީ ކަށިތައް އުފެދުމަށާއި ވަރުގަދަ ވުމަށް އަދި 'ރިކެޓްސް' ފަދަ ބަލިތަކުން ސަލާމަތްވުމުގެ އިތުރުން ދިފާއީ ނިޒާމު ވަރުގަދަކޮށްދިނުމަށް ވެސް ނުހަނު މުހިއްމު އެއްޗެކެވެ.