ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ގިނައަދަދެއްގެ ބަނގުރަލާއި ބިޔަރު ނައްތާލައިފި!
ދ. ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި 51 ފުޅި ބަނގުރަލާއި 168 ދަޅު ބިޔަރު ނައްތާލައިފިއެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްއިން މައުލޫމާތު ދެއްވާ ގޮތުގައި، މި ތަކެތި ނައްތާލާފައިވަނީ އޮކްޓޫބަރު 20 ވަނަ ދުވަހުއެވެ. އެގޮތުން ނައްތާލެވުނު ތަކެތީގެ ތެރޭގައި ހިމެނެނީ މިއަހަރުގެ ޖޫން މަހުގެ 18 އިން ފެށިގެން ސެޕްޓެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ދާލު އެއާޕޯޓުން ފުރަންދިޔަ ފަތުރުވެރިންގެ އަތުން އޭވިއޭޝަން ސެކިއުރިޓީން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗެވެ. އޭގެ އިތުރުން، އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ބަނގުރާވެސް މީގެ ތެރޭގައި ހިމެނެއެވެ.
މި ތަކެތި ނައްތާލުމުގެ އޮޕަރޭޝަން ކުޑަހުވަދޫ ޕޮލިސް ސްޓޭޝަނުގައި ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން ޚާއްޞަކޮށް އެކުލަވައިލެވުނު ކޮމިޓީގެ ސީދާ ބެލުމުގެ ދަށުންނެވެ.
