ކްރިސްޓިއަން ދީނުގެ އަޅުކަމެއްގެ ލައިވް ބްރޯޑްކާސްޓް ކުރިޔަށް ދަނިކޮށް ޞަލީބެއް ބޮލަށް ވެއްޓި ފާދިރީއަކު މަރުވެޖެ

އެކުއެޑޯރުގެ ގުއަޔަކީލްގައި 2026 އޮކްޓޯބަރ 17 ވީ ހޮނިހިރު ދުވަހު އޮތް ކްރިސްޓިއަން އަޅުކަމެއް ކުރިއަށް ދަނިކޮށް، ފައްޅީގެ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ލަކުޑި ކްރޮސް (ޞަލީބު) އެއް ކެތޮލިކް ފާދިރީއެއްގެ ބޮލަށް ވެއްޓި ޖެހުމުގެ ސަބަބުން ފާދިރީ މަރުވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ވަގުތުން ކުރިއަށް ގެންދިޔަ ލައިވް ބްރޯޑްކާސްޓެއްގެ ތެރޭގައެވެ.
މިހާދިޘާގައި ޞަލީބު ބޮލަށް ވެއްޓި މަރުވީ ފާދަރ ޕަޓްރީޝިއޯ އަލްފްރެޑޯ ސަންޗޭޒް މޮލިނާރީއެވެ. މި ހާދިސާ ހިނގާފައިވަނީ ސޯޝަލް މީޑިއާގައި ލައިވް ކުރަމުންދިޔަ އަޅުކަމުގެ ރަސްމިއްޔާތު ފެށުނުތާ ގާތްގަނޑަކަށް 27 މިނެޓު ފަހުންނެވެ. އިންޓަނެޓުގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކްރޮސް ވެއްޓުމާއެކު އަޅުކަމުގައި ތިބި މީހުންނަށް ބޮޑު ސިހުމެއް ލިބިގެންދިޔަ ތަނެވެ.
އޭގެ ފަހުން ގުއަޔަކީލްގެ އާޗްޑިއޮސީސް ޗާރޗުން ނެރުނު ރަސްމީ ބަޔާނެއްގައި، އެ ފާދިރީ އަވަހާރަވިކަން ކަށަވަރުކޮށްދީ، އޭނާގެ އާއިލާއަށާއި، ރައްޓެހިންނަށް އަދި ރެޑެމްޕްޓަރިސްޓް ދީނީ ޖަމާއަތަށް ތައުޒިޔާ ފޮނުވާފައެވެ.
ސަންޗޭޒް މޮލިނާރީއަކީ އެ ފައްޅީގެ އިސް ފާދިރީގެ އިތުރުން "ކޮންގްރިގޭޝަން އޮފް ދަ މޯސްޓް ހޯލީ ރެޑީމާ" ގެ މެންބަރެކެވެ. ކްރޮސް ވެއްޓެން މެދުވެރިވި ސަބަބު އަދިވެސް ސާފެއް ނުވެއެވެ. އަދި މި ހާދިސާ ހިނގަން ދިމާވީ އިމާރާތަށް ލިބިފައިވާ ގެއްލުމެއްގެ ސަބަބުން ކަމެއް ނުވަތަ ޞަލީބު ހަރުކޮށްފައިވާ ގޮތް ގޯސްވުމުން ކަމެއް ބުނެ ރަސްމީ އެއްވެސް ތަފްސީލެއް ޗާރޗުން ހާމަކޮށްފައެއް ނުވެއެވެ.
އާޗްޑިއޮސީސްއިން އެ ފާދިރީ އަވަހާރަވީ ސީދާ އެ ވަގުތު ކަމެއް ނުވަތަ ފަރުވާ ދެމުންދަނިކޮށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. މި ހާދިސާއާ ގުޅިގެން އަޅުކަމުގައި ބައިވެރިވި މީހުންނާއި ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކުގެ މެދުގައި ވަނީ ހިތާމައިގެ ޝުއޫރުތައް އާންމުވެފައެވެ.