ކޮލަމާފުށީ ފެނަކަ ބްރާންޗްއިން 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަކިކޮށްފި

ގއ.ކޮލަމާފުށީ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރަމުންދިޔަ 10 މުވައްޒަފަކު ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފިއެވެ. މި ނިންމުމާ ގުޅިގެން އެ ރަށުގެ ގިނަ ރައްޔިތުންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
މި މައްސަލައާ ގުޅިގެން އެ ރަށުގެ ރައްޔިތުން ބުނަމުންދަނީ މިއީ ކުންފުނިތައް ރައިޓްސައިޒް ކުރުމުގެ ނަމުގައި، އެތައް އަހަރެއް ވަންދެން ފެނަކައިގައި ޚިދުމަތް ކުރި މުވައްޒަފުންނާއި އެ މުވައްޒަފުންގެ އާއިލާތަކަށް ދިން ބޮޑު ނިކަމެތި ކަމެއްގެ ގޮތުގައެވެ. ކުންފުނިތަކުގެ އާދައިގެ އެތައް މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް އެމީހުންގެ އާއިލާތައް ބިކަކުރުމަށްފަހު، ސިޔާސީ ބޮޑެތި މަގާމުތަކަށް މީހުން އައްޔަނުކުރަމުން ދިޔުމަކީ ވަރަށް ނާތަހުޒީބު އަމަލެއް ކަމަށްވެސް ގިނަ ރައްޔިތުން ފާހަގަކުރެއެވެ.
އިންތިޚާބުގެ ކެމްޕޭން ތެރޭގައި ވަޒީފާގެ ޔަގީންކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ބޮލާލައި ޖެހުމަށްފަހު، ކުންފުނި ރައިޓްސައިޒް ކުރުމުގެ ނަމުގައި ވަކި ބަޔަކަށް އަމާޒުކޮށް މިފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ގިނަ ފަރާތްތަކުން ދެކެއެވެ. އަދި އިދިކޮޅު ސިޔާސީ ފިކުރުތަކުގެ މީހުން ބަލިކަށިކޮށްލުމަށް ހިންގާ މިފަދަ އަމަލުތަކަކީ ވަރަށް ފިނޑި، ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.