ޖުހޫގައި ބަޑީގެ ހަމަލާއެއް: ޓައިގަރ ޝްރޮފް ސަލާމަތްވެއްޖެ، ތުހުމަތުކުރެވޭ 3 މީހަކު ހައްޔަރަށް!

ބޮލީވުޑްގެ އެކްޝަން ފިލްމުތަކުގައި ނުރައްކާތެރި ސްޓަންޓްތައް ހަދައިގެން އާންމުންގެ މަޤްބޫލުކަން ހޯދާފައިވާ ޓައިގަރ ޝްރޮފް، މިފަހަރު ކުރިމަތިލާންޖެހުނީ ފިލްމީ މަންޒަރަކަށްވުރެ މާ ނުރައްކާތެރި އަސްލު ދުނިޔޭގެ ބަޑީގެ ހަމަލާއަކާއެކުގައެވެ!
ޖުހޫގެ ޕުޝްޕާ ނާރުސީ ޕާކު ކައިރީގައި އޮތް ފުޓްބޯޅަ ދަނޑެއްގައި މެޗެއް ކުޅުމަށްފަހު، ޓައިގަރ އޭނާގެ ކާރުގައި ނުކުތް ވަގުތު ސައިކަލެއްގައި އައި ތިން މީހަކު ވަނީ އޭނާގެ ކާރަށް އަމާޒުކޮށް ގިނަ އަދަދެއްގެ އުންޑަ ފޮނުވާލާފައެވެ. ނަމަވެސް، ޓައިގަރއަށް އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތްވިއެވެ. ހަމަލާގެ ސަބަބުން ޓައިގަރގެ ކާރު ދުއްވަން އިން ޑްރައިވަރުގެ އަތަށް އުންޑައެއް އަރައި އަނިޔާވުމުން، ޓައިގަރ އަމިއްލައަށް ކާރުގެ ސްޓިއަރިންގއާ ހަވާލުވެ، ޑްރައިވަރު ގޮވައިގެން ހޮސްޕިޓަލަށް ދިޔަކަމަށް މީޑިއާތަކުން ރިޕޯޓުކުރެއެވެ. މުމްބާއީ ފުލުހުންގެ 15 ޓީމަކުން ކުރިއަށްގެންދިޔަ އަވަސް އޮޕަރޭޝަނެއްގައި، ފިލައިގެން ދާން އުޅުނު ތުހުމަތުކުރެވޭ 3 މީހަކު ވަނީ ރާޖަސްތާން ކޯޓާ (Kota) ރޭލު ސްޓޭޝަނުން އަތުލައިގެންފައެވެ. ސޯޝަލް މީޑިއާގައި އާންމުވި މެސެޖެއްގައި މި ހަމަލާގެ ޒިންމާ ނަގާފައިވަނީ މަޝްހޫރު ގޭންގްސްޓަރ "ލޯރެންސް ބިޝްނޯއީ" ގެ ގޭންގުންނެވެ. އަދި ސަލްމާން ޚާންއާއެކު މަސައްކަތްކުރާ ފިލްމީ ދާއިރާގެ ކޮންމެ މީހަކަށްވެސް އިންޒާރުދޭ ކަމަށް އެ މެސެޖުގައި ބުނެފައިވެއެވެ. މަހާރާޝްޓްރާގެ ޗީފް މިނިސްޓަރު ދެވޭންދްރަ ފަޑްނާވިސް ވަނީ ޓައިގަރއަށާއި އޭނާގެ ބައްޕަ ޖެކީ ޝްރޮފްއަށް ގުޅުއްވައި، ރައްކާތެރިކަން ކަށަވަރުކޮށްދެއްވައި ފުރިހަމަ ފިޔަވަޅު އަޅާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.