އިންޑިއާގެ ޒުވާނުންގެ ހަރަކާތްތަކުގެ ކުރީ ސަފަށް އެރި ނޭހާ ބޯރާ ސަރުކާރަށް ބޮޑު ގޮންޖެހުމަކަށްވެއްޖެ!
އިންޑިއާގެ ވެރިރަށް ދިއްލީއާއި އެކި ކަންކޮޅުތަކުގައި ޒުވާނުންނާއި ދަރިވަރުން އިސްވެ ތިބެ ކުރިއަށްގެންދާ ސިޔާސީ އަދި އިޖުތިމާއީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވަމުން އަންނަ ޒުވާން ލީޑަރު ނޭހާ ބޯރާ، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ސަރުކާރަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ޒުވާން ގޮންޖެހުމުގެ ގޮތުގައި ބައިނަލްއަޤްވާމީ މީޑިއާތަކުން ސިފަކުރަން ފަށައިފިއެވެ.
ޖަވާހަރްލާލް ނެހުރޫ ޔުނިވާސިޓީ (ޖޭއެންޔޫ) ގެ އެޗްޑީ ދަރިވަރެއްގެ އިތުރުން އޯލް އިންޑިއާ ސްޓޫޑެންޓްސް އެސޯސިއޭޝަން (އައިސާ) ގެ ޤައުމީ ރައީސްގެ މަގާމުގައި ހުރި ނޭހާ ބޯރާ ވަނީ، އިންތިޚާބީ ނިޒާމުގެ ދެފުށް ފެންނަގޮތަށް ކަންކަން ބަދަލުކުރުމަށާއި ދަރިވަރުންގެ ހައްގުތައް ހިމާޔަތްކުރުމަށް ގޮވާލައި ވަރުގަދަ އިހުތިޖާޖުތަކެއް އިސްވެ ހިންގާފައެވެ. މި ހަރަކާތްތަކުގެ ތެރެއިން އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާއިރު، އިހުތިޖާޖުތައް ކުރިއަށްގެންދިއުމަށް އޭނާ ވަނީ ޒުވާނުންނަށް ގޮވާލާފައެވެ.
މީގެއިތުރުން، އަވަށްޓެރި ބަންގްލަދޭޝްގައި ޒުވާނުން އިސްވެ ތިބެ ގެނައި ސިޔާސީ ބަދަލަށް ތައުރީފުކޮށް ނޭހާ ދެއްކެވި ވާހަކަތަކަކާ ގުޅިގެން، ވެރިކަންކުރާ ބީޖޭޕީން ވަނީ އޭނާއަށާއި އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ސަރުކާރުން ބުނާގޮތުގައި މިފަދަ ހަރަކާތްތަކަކީ ޤާނޫނީ އިމުގެ ބޭރުން ވެރިކަން ބަދަލުކުރުމަށް ހިންގޭ މަސައްކަތްތަކަށެވެ. ނަމަވެސް ނޭހާއާއި އޭނާއަށް ތާއީދުކުރާ ފަރާތްތަކުން ބުނަނީ ޒުވާނުންގެ އަޑުއުފުލަނީ ޑިމޮކްރެސީއާއި އިންސާފު ހިމާޔަތްކުރުމަށް ކަމަށެވެ.
