އިންޑިއާގެ މާކެޓާ ހެދި އިލޯން މަސްކާއި މުކޭޝް އަމްބާނީގެ ބޮޑު ކުރިމަތިލުމެއް!

އިންޑިއާގެ މުވާސަލާތީ މާކެޓަށް އިލޯން މަސްކްގެ ސެޓެލައިޓް އިންޓަނެޓް "ސްޓާލިންކް" ވެއްދުމަށް ކުރާ މަސައްކަތަށް، އިންޑިއާގެ އެންމެ މުއްސަނދި މަހުޖަނު މުކޭޝް އަމްބާނީ ނުފޫޒުފޯރުވައި ހުރަސްއަޅަމުންދާ ކަމަށް ބުނެ ދުނިޔޭގެ އެންމެ ބޮޑެތި ދެ ކުންފުނީގެ ވެރިންގެ މެދުގައި ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކުރެވިގެން ހިގައްޖެއެވެ.
މި މައްސަލަ ގޯސްވީ އިލޯން މަސްކް އޭނާގެ "އެކްސް" (ކުރީގެ ޓްވިޓާ) އެކައުންޓުގައި ކުރި ޕޯސްޓްތަކެއްގައެވެ. މަސްކް ތުހުމަތުކުރި ގޮތުގައި، އިންޑިއާގެ އާންމު ރައްޔިތުންނަށް ހެޔޮ އަގުގައި އަދި އަވަސް އިންޓަނެޓް ލިބުނަނުދީ ހިފަހައްޓައިގެން އުޅެނީ އިންޑިއާގެ ސަރުކާރަށް ނުފޫޒުފޯރުވާ "އޮލިގާކްސް" (މުއްސަނދި މަހުޖަނުން oligarchs) ގެ މޮނޯޕޯލީ ދަމަހައްޓަންވެގެންނެވެ. އަދި އޭނާ ވަނީ ސީދާ މުކޭޝް އަމްބާނީގެ ނަން ފާހަގަކޮށް، މިއީ އިންޑިއާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ސިފަކޮށްފައެވެ.
މައްސަލައިގެ އަސާސަކީ ކޮބާ؟
ސްޓާލިންކުން އިންޑިއާގައި ހިދުމަތް ދިނުމަށް ސެކިއުރިޓީ ހުއްދަތައް ހޯދަން މަސައްކަތްކުރާތާ އަހަރުތަކެއް ވެއްޖެއެވެ. ނަމަވެސް، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ (Jio) އިން ވަނީ ސެޓެލައިޓް އިންޓަނެޓަށް ހުއްދަ ދިނުމުގެ ކުރިން، އެހެން ޓެލެކޮމް އޮޕަރޭޓަރުންނެކޭ އެއްގޮތަށް ބިޑްކޮށްގެން ސްޕެކްޓްރަމް (Spectrum Auction) ގަންނަންޖެހޭނެ ކަމަށް ބުނެ ސަރުކާރަށް މައްސަލަ ހުށަހަޅާފައެވެ.
އެކަމަކު މަސްކް ބުނަނީ ސެޓެލައިޓް އިންޓަނެޓަކީ ބައިނަލްއަގުވާމީ ގޮތުން ނީލަން ކިޔައިގެން ވިއްކާ އެއްޗެއް ނޫން ކަމަށާއި، އަމްބާނީ ބޭނުންވަނީ ވާދަވެރިކަން ނައްތާލައި އަމިއްލަ ކުންފުނީގެ ފައިދާ ބޮޑުކުރަން ކަމަށެވެ.
އިންޑިއާ ސަރުކާރާއި ރިލަޔަންސްގެ ރައްދު.
މަސްކްގެ މި ތުހުމަތުތަކާ ގުޅިގެން އިންޑިއާގެ ކޮމިއުނިކޭޝަންސް މިނިސްޓްރީން ވަނީ ބަޔާނެއް ނެރެފައެވެ. ސަރުކާރުން ބުނެފައިވަނީ އިންޑިއާގެ މުވާސަލާތީ އުސޫލުތަކަކީ އެންމެންނަށް އިންސާފުވެރި އަދި ވަކި ބަޔަކަށް ތަފާތުކުރުމެއް ނެތް އުސޫލުތަކެއް ކަމަށާއި، ގައުމީ ސެކިއުރިޓީއާ ގުޅުންހުރި ގަވާއިދުތަކަށް ސްޓާލިންކުންވެސް ހުރުމަތްތެރިކޮށް ހިތަންޖެހޭނެ ކަމަށެވެ.
މީގެއިތުރުން، މުކޭޝް އަމްބާނީގެ ރިލަޔަންސް އިންޑަސްޓްރީޒްއިން ނެރުނު ބަޔާނެއްގައި ބުނީ، އެ ކުންފުނިން އެއްވެސް އިރެއްގައި ވާދަވެރިކަމަށް ބިރުގަންނަ ބައެއް ނޫން ކަމަށާއި، އެދެނީ އެންމެންނަށްވެސް އެއް އުސޫލަކުން (Level Playing Field) ވިޔަފާރި ކުރުމުގެ ފުރުސަތު އޮތުން ކަމަށެވެ.
މި މައްސަލައާއެކު އިންޑިއާގެ ސޯޝަލް މީޑިއާގައި ދުނިޔޭގެ އެންމެ މުއްސަނދި ދެ މަހުޖަނުންގެ މެދުގައި ބޮޑު ބަހުގެ ހަނގުރާމައެއް ވަނީ ފެށިފައެވެ.