އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވާލި މައްސަލައިގައި ހައްޔަރުކުރި ޖުމާންގެ ބަންދަށް 12 ދުވަސް އިތުރުކޮށްފި!
ސޯޝަލް މީޑިއާ މެދުވެރިކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށާއި، އިމާރާތްތަކާއި އުޅަނދުފަހަރުގައި އަލިފާން ރޯކޮށް، ވިޔަފާރި ތަންތަން ލޫޓުވުމަށް ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހއ. ބާރަށު، ކުއްޅަވައްގޭ، އަލީ ޖުމާން (25އ) ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
މިދިޔަ ހޯމަ ދުވަހު އޭނާ އެކްސް (X) ގައި ކުރި ޕޯސްޓެއްގައި، ސަރުކާރުން ބޭރުގެ ފަރާތްތަކަށް ބިން ދޫކުރާ ކަމަށް ބުނެ ނުރުހުން ފާޅުކޮށް، މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމަށާއި އިމާރާތްތަކުގައި ހުޅުޖެހުމަށް ގޮވާލާފައިވެއެވެ. މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމްގެ 'ރެޑްވޭވް' ފިހާރަ ލޫޓުވައި ހަމަނުޖެހުން އުފެއްދުމަށްވެސް އޭނާ ވަނީ ގޮވާލާފައެވެ. ޓެރަރިޒަމްގެ ތުހުމަތު ކުރެވޭ މި މައްސަލައިގައި ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 12 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރުން، ދައުލަތުގެ ތިން ބާރުގެ މައި އޮފީސްތައް ކަމަށްވާ ރައީސް އޮފީހާއި، ރައްޔިތުންގެ މަޖިލީހުގެ އިމާރާތް އަދި ސުޕްރީމް ކޯޓުގައި އަލިފާން ރޯނުކުރަނީ ކީއްވެގެންތޯ ސުވާލުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓްކުރި މައްސަލައެއްގައި، އެމްއެންޑީއެފްގެ ކުރީގެ އޮފީސަރެއްގެ އިތުރުން މި ސަރުކާރުގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒިހާން ވެސް ވަނީ ފުވައްމުލަކުން ހައްޔަރުކޮށްފައެވެ. ޒިހާން ލިޔުނު ޕޯސްޓް ޝާއިއުކުރިތާ ގަޑިއިރެއްގެ ތެރޭގައި ޑިލީޓްކުރި ނަމަވެސް، އޭނާގެ މައްޗަށްވެސް ކުރެވެނީ ޓެރަރިޒަމްގެ ތުހުމަތެވެ. މި މައްސަލައިގައި ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިދީފައެވެ.
މި ދެ މައްސަލަވެސް ދިވެހި ފުލުހުންގެ ޚިދުމަތުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
