News Featured

އިގްތީސާދީ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް ދިވެހިސަރުކާރުން އެދިއްޖެ

Advertisement
އިގްތީސާދީ ހީނަރުކަމުން އަރައިގަތުމަށް ބޭރުގެ މާލީ އިދާރާތަކުގެ އެހީއަށް ދިވެހިސަރުކާރުން އެދިއްޖެ
ތަފްޞީލް

ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިކަމުން ލިބޭ އާމްދަނީ ދަށްވުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ރިޒާވް ވަރުގަދަކޮށް އިގުތިސާދީ އިސްލާހީ ފިޔަވަޅުތައް ކުރިއަށް ގެންދިއުމަށް ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެއެވެ.


ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރޮއިޓާސްއަށް ދެއްވި އޮންލައިން އިންޓަވިއުއެއްގައި ވިދާޅުވީ، ރާއްޖެއަކީ ބޭރުން ތެޔޮ އެތެރެކުރާ ގައުމަކަށްވެފައި، މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ސަރުކާރުން އެނާޖީ ސަބްސިޑީއަށް ކުރާ ޚަރަދު މިއަހަރު ތިންގުނައަށް އިތުރުކުރަން ޖެހިފައިވާ ކަމަށެވެ. މީގެ ސަބަބުން ދައުލަތުގެ ބަޖެޓު ޑެފިސިޓް ކުރިން އަންދާޒާކުރި 7.1 އިންސައްތައިން ނުވަ އިންސައްތައަށް މައްޗަށް ދާނެ ކަމަށް ބެލެވޭ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.


މިނިސްޓަރު ޒަރީރު ވިދާޅުވީ، ސަރުކާރުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، ފިސްކަލް އިސްލާހީ ފިޔަވަޅުތައް އަޅައި ޑެފިސިޓް ކުޑަކުރުމަށް ސާބިތުކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް އިގުތިސާދު އިތުރަށް ވަރުގަދަކުރުމަށްޓަކައި ބޭރުގެ އެހީތެރިކަން އަދިވެސް ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.


ތެލުގެ އަގު މައްޗަށް ދިއުމާއި ފަތުރުވެރިން އަންނަ މިންވަރު ދަށްވުމުގެ ސަބަބުން އިގުތިސާދަށް ބޮޑު ލޮޅުމެއް އައިސްފައިވާކަމަށާއި، 2026 ވަނަ އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނެ ކަމަށް ބެލެވެނީ އެންމެ އެކެއް އިންސައްތައިގައި ކަމަށް މިނިސްޓަރު ޒަރީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އޭޝިއާގެ އިގުތިސާދުތަކަށް އަންނާނެ ބަދަލުތައް ލަފާކޮށް ނެރޭ އޭޝިއަން ޑިވެލޮޕްމެންޓް އައުޓްލުކްގެ މިދިޔަ މަހުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފަތުރުވެރިކަމާއި އިމާރާތް ކުރުމުގެ ދާއިރާއަށް ލިބޭ ކުރިއެރުމުން ރާއްޖޭގެ އިގުތިސާދަށް ހެޔޮ އަސަރުތައް ކުރި ނަމަވެސް، ދުނިޔޭގެ މަޝްރަހަށް އަންނަ ބަދަލުތަކާއި ދަރަނި ބޮޑުވުމާއި މަސްވެރި އުފެއްދުންތައް ބޭރުކުރާ މިންވަރު ދަށްވުމުގެ ނުރައްކާ ރާއްޖެއަށް އޮންނާނެއެވެ.


 އަދި މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައިގެ ސަބަބުން މި އަހަރުގެ ފަހުކޮޅާއި އަންނަ އަހަރުގެ ކުރީކޮޅު، ޕީކް ސީޒަންގައި ފަތުރުވެރިކަމަށް އަސަރު ކުރުން އެކަށީގެންވާ ކަމަށް ވެސް އޭޑީބީން ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ގެއްލުމުގައި ހިންގާ ސަރުކާރު ކުންފުނިތަކާއި ސަބްސިޑީ ސްކީމްތައް އިސްލާހުކުރުން ލަސްވުމުން ދައުލަތަށް ބުރަ ބޮޑުވާކަމުގެ ކަންބޮޑުވުން އޭޑީބީންވަނީ ފާޅުކޮށްފައެވެ.


މީގެ އިތުރުން މި ސަރުކާރުގެ ކުރީކޮޅު ދައުލަތުގެ ޚަރަދު ކުޑަކުރަން އިއުލާންކުރި ފިޔަވަޅުތަކުގެ ތެރޭގައި ބައެއް ކުންފުނިތައް އުވާލުމާއި އެއްކޮށްލުމަށް ނިންމުން ހިމެނެއެވެ. އެހެންނަމަވެސް، އިތުރު ކުންފުނިތައް ސަރުކާރުން އުފެއްދުމާއެކު، އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ މައްސަލަތައް ފެންމަތިވެފައިވެއެވެ.



ސަރުކާރުގެ ޚަރަދުތައް ދެކޮޅު ނުޖެހޭކަން އެނގިހުރެވެސް ބޮޑެތި މުސާރަތަކާއެކު ސިޔާސީ މަގާމްތަކަށް މީހުން އައްޔަކުރުން ހުއްޓާ ނުލުމުގެ ނަތީޖާއަކީ ބޭރުގެ އެހީ ހޯދަން މަޖުބޫރު ވުމެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް