ހުޅުމާލެ ހިޔާ ޓަވަރު 11 ގެ އެޕާޓްމަންޓެއްގައި އަލިފާން ރޯވެ، ބަދިގެއަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ!
ހުޅުމާލެ ފޭސް 2 ގެ ހިޔާ އަވަށުގައި ހުންނަ 11 ވަނަ ޓަވަރުގެ 23 ވަނަ ފްލޯގެ އެޕާޓްމަންޓެއްގައި އިއްޔެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ނޭޝަނަލް ޑިސާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން މައުލޫމާތު ދެއްވާގޮތުގައި، މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އަލިފާން ރޯވުމުގެ ސަބަބުން އެ އެޕާޓްމަންޓުގެ ބަދިގެއަށާއި އެތަނުގައި ހުރި ގޭސް އުނދުނާއި، ހިފާގެންގުޅޭ ސާމާނުގެ އިތުރުން ކަބަޑުސެޓަށް ވަނީ ބޭނުންނުކުރެވޭ ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައެވެ.
ހުޅުމާލެ ހިޔާ 11 ވަނަ ޓަވަރުގެ 23 ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިގެން މި އޮތޯރިޓީން ވަނީ ހަރަކާތްތެރިވެފައި. މި ހާދިސާގައި އެޕާޓްމަންޓުގެ ބަދިގެ ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެ، ގޭތެރޭގައި ދުމުގެ އަސަރު ހުރުމުގެ ސަބަބުން، އެގޭގައި ދިރިއުޅޭ 4 ފަރާތަކަށް 1 ދުވަހުގެ ވަގުތީ ބޯހިޔާވަހިކަމާއި 5 ދުވަހުގެ ކެއިންބުއިމުގެ އިންތިޒާމް މި އޮތޯރިޓީން ވަނީ ހަމަޖައްސަދީފައި . މިހާދިސާ އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވޭ.
— NDMA Maldives (@NDMAmv) October 23, 2026
އެންޑީއެމްއޭއިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ބަދިގެ ބައި ވަނީ މުޅިން އަނދައި އަޅިއަށްވެފައެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ކަމާބެހޭ އިދާރާތަކުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.