ގުރައިދޫގައި ހިނގި ޒުވާބެއްގެ ތެރެއިން ތޫނު ހަތިޔާރުން ހަމަލާދީ ދެ މީހަކު ޒަހަމްކޮށްލައިފި!
ކ. ގުރައިދޫގައި ރޭ ހިނގި ޒުވާބަކާއި ގުޅިގެން ތޫނު ހަތިޔާރެއް ބޭނުންކޮށްގެން ހިންގި މާރާމާރީއެއްގައި ދެ މީހަކު ޒަހަމްވެއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭގަނޑު 20:36 ހާއިރުއެވެ.
މި މާރާމާރީ ހިނގަން މެދުވެރިވީ ގުރައިދޫގެ އަމިއްލަ ގެއެއްގެ ތެރޭގައި ބަޔަކު މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިންނެވެ. މި ހަމަލާގައި ޒަހަމްވި މީހުންގެ ތެރެއިން އުމުރުން 37 އަހަރުގެ ދިވެހި ފިރިހެނަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އޭނާގެ ވައަތުގެ މުލައްދަނޑިއަށާއި އުނަގަނޑަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު، ލިބުނު ޒަހަމްތަކުގެ ފުންމިނުގެ ސަބަބުން ގުރައިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އޭނާ ވަނީ މާލެއަށް ބަދަލުކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތުހުމަތުކުރެވޭ އުމުރުން 50 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މި މާރާމާރީ ހިންގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުންގެ އިދާރާއިން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
