ގދ. ތިނަދޫގައި ހިނގި ޖިންސީ ގޯނާގެ މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި: ތުހުމަތުކުރެވޭ މީހާ ބަންދަށް!
ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ހާދިސާގެ ރިޕޯޓު ފުލުހުންނަށް ލިބުމާއެކު، ތުހުމަތުކުރެވޭ މީހާ ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ. ފުލުހުން މި މައްސަލަ ތަހުގީގުކުރުމުގެ ތެރޭގައި، ކުޑަކުއްޖަކަށް ޖިންސީ ގޯނާއާއި އިސްތިގުލާލު ކުރުމާ ގުޅޭ އިތުރު މައްސަލަތަކެއްވެސް ވަނީ ފާހަގަވެފައެވެ.
މިއީ ކުޑަކުދިންނާއި އަންހެނުންނަށް ކުރާ ޖިންސީ އަނިޔާއާ ގުޅުންހުރި މައްސަލައަކަށްވާތީ، އަނިޔާލިބުނު ފަރާތްތަކުގެ ކަރާމާތް ރައްކާތެރިކުރުމުގެ ގޮތުން ފުލުހުން އަންނަނީ އިތުރު ތަފްސީލުތައް ސިއްރުކޮށްގެން ތަހުގީގު ކުރިއަށްދާ މިންވަރަކުން މައުލޫމާތު ހާމަކުރަމުންނެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާތީ، އަނިޔާލިބޭ ފަރާތްތަކުން ލަސްނުކޮށް އިދާރާތަކަށް ރިޕޯޓުކުރުމަށާއި، މުޖުތަމައުގެ އެންމެންގެ ސަމާލުކަން އިތުރުކުރުމަށް ކަމާބެހޭ އިދާރާތަކުން އިލްތިމާސްކުރެއެވެ.