ފުނަދޫ ޕެޓްރޯލްް ސެޑްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި: ގެއެއް ވަރަށްބޮޑަށް އަނދާފައިވޭ
ށ. ފުނަދޫ ޕެޓްރޯލް ޝެޑުގައި ރޯވި އަލިފާންގަނޑު އެއްކޮށް ނިއްވާލާފައިވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ބުނެފިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ފުނަދޫ ޕެޓްރޯލް ޝެޑުގައި އަލިފާން ރޯވީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ.
މި ހާދިސާގައި ގެއެއް ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް ވެސް ނެޝެނަލް ޑިޒާސްޓާ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާގައި އެ ސަރަހައްދުގައި ހުރި ގެއެއް އަނދައި ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ. އަދި ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވަނީ އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ލިބިފައި ކަމަށް އެ އޮތޯރެޓީއިން ވަނީ ބުނެފައެވެ.
އެންޑީއެމްއޭއިން ބުނީ އެ ހާދިސާ ހިނގި ސަރަހައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުގައި ހުރި ގޭގޭގެ މީހުން ރައްކާތެރި އެހެން ގެތަކަށް ވަގުތީ ގޮތުން ބަދަލުކޮށްފައިވާ ކަމަށެވެ. އެ ހާދިސާގައި ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް މީހުންނަށް ފުނަދޫ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށްވެސް އެ އޮތޯރިޓީން ވަނީ މައުލޫމާތު ދީފައެވެ.
އެހެންކަމުން ހާލަތު އިތުރަށް ބަލައި މޮނީޓާ ކުރުމުގެ މަސައްކަތް ކުރެވެމުންދާ ކަމަށް ފުނަދޫ ކައުންސިލާ ހަވާލާދީ އެ އޮތޯރިޓީއިން ވަނީ ބުނެފައެވެ. އެ ހާދިސާގެ ސަބަބުން އިންސާނީ އެހީތެރިކަން ފޯރުކޮށްދެންޖެހޭ ފަރާތްތައް ދެނެގަނެ އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތަ އެ އޮތޯރިޓީން ކުރަމުންދާ ކަމަށް ވެސް އެންޑީއެމްއޭއިން ވަނީ ބުނެފައެވެ.
ފުނަދޫ ކައުންސިލްގެ ރައީސް މުޙައްމަދު އާދިލް ވިދާޅުވީ އަލިފާނުގެ ހާދިސާގައި 18 މީހަކަށް ދުމުގެ އަސަރުކޮށްފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންނަށް އެކި ވަރުގެ ކުދި އަނިޔާތައް ވެސް ލިބިފައިވާ ކަމަށް ކައުންސިލް ރައީސް މައުލޫމާތު ދެއްވިއެވެ.
އަލިފާނުގެ މި ހާދިސާއާ ގުޅިގެން ށ. އަތޮޅު ހޮސްޕިޓަލުން ވަނީ، އޯޕީޑީގެ ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާފައެވެ. އަދި މިވަގުތު ޚިދުމަތްދެމުން ގެންދާނީ ހަމައެކަނި ކުއްލި ފަރުވާ ބޭނުންވާ އިމަޖެންސީ ހާލަތްތަކަށް ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
