ފަތުރުވެރިކަމުގެ ހައި ސީޒަނާ ދިމާކޮށް ވީއައިއޭގެ ޓާމިނަލް 2 އިން 10 އެއާލައިނެއްގެ ޗެކްއިން ޚިދުމަތް ފަށަނީ!
ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާ "ވިންޓާ ހައި ސީޒަން" އާ ދިމާކޮށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (VIA) ގެ ޓާމިނަލް 2 އިން 10 އެއާލައިނެއްގެ އިންޓަނޭޝަނަލް ޗެކްއިން ޚިދުމަތް ދޭން ފެށުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (MACL) އިން ނިންމައިފިއެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ25 އޮކްޓޫބަރު 2026 އިން ފެށިގެންނެވެ. މިއީ އެއާޕޯޓުގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުވެރިންނަށް އަވަސް އަދި ލުއިފަސޭހަ ޚިދުމަތެއް ފޯރުކޮށްދިނުމުގެ ގޮތުން އެމްއޭސީއެލްއިން އަޅާފައިވާ މުހިންމު ފިޔަވަޅެކެވެ.
ޓާމިނަލް 2 ގައި 27 ޗެކްއިން ކައުންޓަރާއި، އާ ބެގޭޖް ބެލްޓުތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ 27 ތަންތަނާއި، ނަމާދުކުރާ ކޮޓަރި އަދި ކުޑަކުދިން ކުޅޭ ސަރަހައްދު ވަނީ ގާއިމުކޮށްފައެވެ. ބައިނަލްއަގުވާމީ ދަތުރުތައް ކުރާ 10 އެއާލައިނެއްގެ ޗެކްއިން ކައުންޓަރުތައް ޓާމިނަލް 2 އަށް ބަދަލުކުރެވޭނެއެވެ.
އޮކްޓޫބަރު 25 އިން ފެށިގެން ދަތުރުކުރާ ފަރާތްތަކުން އެމީހުން ދަތުރުކުރާ އެއާލައިންގެ ޗެކްއިން ކުރިއަށްދާނީ ކޮން ޓާމިނަލެއްގައިތޯ ކަށަވަރުކުރުމަށާއި، ފުރަން ހަމަޖެހިފައިވާ ގަޑިއަށްވުރެ އަވަހަށް އެއާޕޯޓަށް ހަމަވުމުން އެމްއޭސީއެލްއިން އިލްތިމާސްކުރެއެވެ. ވީއައިއޭގެ އޭވިއޭޝަން އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރަމުންދާއިރު، މި ބަދަލާއެކު ހައި ސީޒަނުގައި އެއާޕޯޓަށް ބާރުބޮޑުވާ ވަގުތުތަކުގައި ކިއޫތައް ކުޑަވެގެންދާނެއެވެ.