އޭޑީކޭއިން ޞިއްޙީ އައު އިންގިލާބެއް: އޮޕަރޭޝަންކުރާއިރު ނާރުތަކުގެ މަސައްކަތް ވަގުތުން ބަލައިދޭ ޒަމާނީ "ނިއުރޯ މޮނިޓަރިން" ސިސްޓެމެއް ތައާރަފުކޮށްފި!

ސިކުނޑިއަށާއިބުރަކަށްޓަށް ދިމާވާ ނުރައްކާތެރި މައްސަލަތަކަށް އޭޑީކޭ ހޮސްޕިޓަލުން ދެމުން އަންނަ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ބަލިމީހުންނަށް އައު އުއްމީދެއް ހޯދައިދީފިއެވެ. އެ ހޮސްޕިޓަލުން މިވަނީ އޮޕަރޭޝަން ކޮޓަރިތަކުގައި މީހާގެ ނާރުތަކުގެ ނިޒާމު (Nervous System) މަސައްކަތްކުރާގޮތް ސިކުންތުކޮޅެއްގެ ތެރޭގައި (ރިއަލް-ޓައިމްކޮށް) ދައްކުވައިދޭ ޒަމާނީ ނިއުރޯ މޮނިޓަރިން ސިސްޓެމެއް (Neuro-monitoring System) ޤާއިމުކޮށްފައެވެ. ސިކުނޑީގެ ޓިއުމަރ ނުވަތަ މައިބަދައިގެ ބޮޑެތި އޮޕަރޭޝަންތައް ކުރާވަގުތު، ޑޮކްޓަރުންނަށް ނާރުތަކަށް ގެއްލުމެއް ލިބެމުންދޭތޯ ވަގުތުން ބަލައި، ސްކްރީނުން ދެނެގަނެވޭނެއެވެ. މިއީ އޮޕަރޭޝަންގެ ނުރައްކާތެރިކަން ވަރަށް ބޮޑަށް ކުޑަކޮށްދޭނެ ކަމެކެވެ. މި އަހަރުގެ މެއި މަހުގެ ތެރޭގައި މި ޓެކްނޮލޮޖީގެ އެހީގައި ޑޮކްޓަރުން ވަނީ ސިކުނޑީގެ ނުރައްކާތެރި ޓިއުމަރެއް ކާމިޔާބުކަމާއެކު ނަގާފައެވެ.
މި މަހު މި ނިޒާމު ހޮސްޕިޓަލުގައި ދާއިމީކޮށް ޤާއިމުކުރެވިފައިވާއިރު، މިއީ ރާއްޖޭގައި ނިއުރޯ ސަރޖަރީގެ ފެންވަރު މަތިކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. މިފަދަ ޒަމާނީ ވަސީލަތްތަކާއެކު، ބޭރަށް ނުގޮސް ރާއްޖެއިން ކާމިޔާބުކަމާއެކު ނުރައްކާތެރި ސިކުނޑީގެ އޮޕަރޭޝަންތައް ކުރުމުގެ މަގު މިހާރު މިވަނީ އިތުރަށް ފަހިވެފައެވެ!