އެމެރިކާގެ މުސްލިމު ސެނެޓަރ، އިލްހާން އުމަރުގެ ރައްޔިތުކަން ނިގުޅައިގަނެ ޑީޕޯޓްކޮށްލަން އެމެރިކާ ސަރުކާރުން ބޮޑު ތަހުގީގެއް ފަށައިފި
އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ (ހައުސް އޮފް ރެޕްރެޒެންޓެޓިވްސް) ގައި ހިމެނިވަޑައިގަންނަވާ ޑިމޮކްރެޓިކް މެންބަރު އިލްހާން އުމަރުގެ އެމެރިކާ ރައްޔިތުކަން ބާތިލުކޮށް، އޭނާ އުފަންވި ސޯމާލިއާއަށް އަނބުރާ ފޮނުވާލުމުގެ މަގުފަހިކުރުމަށްޓަކައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން (DOJ) ޖިނާއީ ބޮޑު ތަހުގީގެއް ހިންގަން ފަށައިފިއެވެ. އިލްހާން އުމަރަކީ އިޒްރޭލުން ފަލަސްތީނު މީހުންނާއި މެދު ހިންގާ ޖަރީމާތަކާއި ދެކޮޅަށް ވަކާލާތު ކުރާ އެމެރިކާގެ މަދު ސެނެޓަރުންގެ ތެރޭގައި ހިމެނޭ ސެނެޓަރަކެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ތަހުގީގުގެ ތެރެއިން ހޯމްލޭންޑް ސެކިއުރިޓީގެ ތަހުގީގުކުރާ އޭޖެންޓުން ވަނީ ވޮޝިންގްޓަން ޑީސީގައި ހުންނަ އިލްހާންގެ އަމިއްލަ ގެކޮޅަށް ފަތިހު ކުއްލިއަކަށް ވަދެ، އެތަން ފާސްކޮށްފައެވެ. މިއޮޕަރޭޝަންގައި އޭނާގެ ފޯނާއި، ލެޕްޓޮޕްތަކާއި، އަމިއްލަ ލިޔެކިޔުންތަކުގެ އިތުރުން ޕާސްޕޯޓްވެސް ފެޑެރަލް އޭޖެންޓުން ވަނީ ހިފަހައްޓާފައެވެ. މީގެއިތުރުން، މި މައްސަލައާ ގުޅިގެން އިލްހާންގެ އާއިލީ މެންބަރުންނަށް ގްރޭންޑް ޖޫރީއަށް ހާޒިރުވެ ހެކިދިނުމަށް އެދި 12 އަށްވުރެ ގިނަ ސަޕީނާ (ހެކިދިނުމުގެ އަމުރު) ވަނީ ފޮނުވާފައެވެ.
ތަހުގީގުގެ މައިގަނޑު އަސާސް
މި ތަހުގީގު އަމާޒުވެފައިވަނީ 1995 ވަނަ އަހަރު ސޯމާލިއާގެ ދާޚިލީ ހަނގުރާމައިން ރެފިއުޖީއެއްގެ ގޮތުގައި އިލްހާންގެ އާއިލާ އެމެރިކާއަށް ހިޖުރަކުރިއިރު ހުށަހެޅި އިމިގްރޭޝަން ފޯމުތަކަށެވެ. ސަރުކާރުގެ ތަހުގީގުކުރާ ފަރާތްތަކުން ބުނާގޮތުގައި، އިލްހާންގެ ބައްޕަ އެމެރިކާގެ ރައްޔިތުކަން ހޯދިއިރު އިލްހާންގެ އުމުރާ މެދު ސައްހަ ނޫން މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ކުރެވެއެވެ.
ނަމަވެސް، އިމިގްރޭޝަން ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، އެމެރިކާގައި ގާނޫނީ ގޮތުން ރައްޔިތުކަން ލިބިފައިވާ މީހެއްގެ ސިޓިޒަންޝިޕް އަތުލުމަކީ (Denaturalization) އެމެރިކާގެ ޝަރުއީ ނިޒާމުގައި ނުހަނު އުނދަގޫ، އަދި ވަރަށް މަތީ ދަރަޖައެއްގެ ހެކި ބޭނުންވާ ކަމެކެވެ. މީގެ ކުރިންވެސް މިފަދަ ތުހުމަތުތަކެއް ބެލުމަށްފަހު ހެކި ނެތިގެން އިމިގްރޭޝަން އިދާރާތަކުން ވަނީ މައްސަލަ ކުރިއަށް ނުގެންގޮސް ދޫކޮށްލާފައެވެ.
އިލްހާން އުމަރުގެ ރައްދު.
މި އަމަލާ ގުޅިގެން އިލްހާން އުމަރު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއީ ވޭތުވެދިޔަ 10 އަހަރު ދުވަހު އޭނާއާ ދެކޮޅަށް ހިންގަމުންދާ ދޮގު މައުލޫމާތު ފެތުރުމުގެ ސިޔާސީ ކެމްޕޭނުގެ އައު ފިޔަވަޅެއް ކަމަށެވެ. އަދި ސަރުކާރުން ހިންގާ މިފަދަ ބިރުދެއްކުމުގެ އަމަލުތަކުން އޭނާގެ އަޑު މަޑުނުކުރެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑޮނަލްޑް ޓްރަންޕް މީގެ ކުރިން ވަނީ ސޯޝަލް މީޑިއާގައި އިލްހާން އުމަރަށް ފާޑުވިދާޅުވެ، އޭނާގެ ރައްޔިތުކަން އަތުލައި ސޯމާލިއާއަށް ފޮނުވާލަންޖެހޭ ކަމަށް އެކިފަހަރު މަތިން ވިދާޅުވެފައެވެ. ނަމަވެސް، ފެޑެރަލް އޭޖެންޓުން އިލްހާންގެ ގެކޮޅު ފާސްކުރި މައްސަލައިގައި ޓްރަންޕް ވިދާޅުވީ އެއީ ސީދާ ޖަސްޓިސް ޑިޕާޓްމަންޓުން އަމިއްލައަށް ކުރިއަށްގެންދާ ތަހުގީގެއް ކަމަށެވެ.
