އެމްޑީޕީގެ "ރަށްވެހި އުފެއްދުން" ކޮންގްރެސް އޮކްޓޯބަރު 1 ން 3 ށް
ސަރުކާރު ހިންގާ މައި ޕާޓީ ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އާ އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ ދިވެހިރައްޔިތުންގެ ޑިމޮކްރެޓިން ޕާޓީ (އެމްޑީޕީ)ން ސެޕްޓެމްބަރު މަހު ބާއްވަން ހަމަ ޖެއްސި އެޕާޓީގެ ކޮންގްރެސް ބާއްވާނެ ތަނެއް ހަމަ ނުޖެހުމުގެ ސަބަބުން އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ން 3 ށް ލަސްކޮށްފިއެވެ.
އެމްޑީޕީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޗެއަރޕާސަންގެ ނައިބް އިދާރީ، އިބްރާހިމް ވަހީދު ވިދާޅުވީ، ކޮންގްރެސް ބާއްވާނެ ތަނެއް ހަމަނުޖެހުމުގެ ސަބަބުން، މިމަހު ބާއްވަން އޮތް ކޮންގްރެސް ލަސްކޮށް، ކޮންގްރެސްއަށް ރަޖިސްޓްރީވުން އަނެއްކާވެސް ހުޅުވާލައިފާވާ ކަމަށެވެ. އެގޮތުން 2026 ސެޕްޓެމްބަރު 20 ވަނަ ދުވަހު ފެށިގެން އޮންލައިކޮށް ކޮންގްރެސްއަށް ރަޖިސްޓްރީ ވުމަށް ހުޅުވާލައިފާ ކަމަށެވެ.
"ރަށްވެހި އުފެއްދުން" މި ޝިއާރުގެ ދަށުން އެމްޑީޕީން ބާއްވާ ކޮންގްރެސްގައި އަސާސީ ޤަވާއިދަށް އިސްލާޙު ގެނައުމާއި ޕާޓީގެ ކުރިމަގު ކަނޑައެޅުން ފަދަ ނިންމުންތައް ނިންމާނެ ކަމަށެވެ. އަދި ކޮންގްރެސްގެ ތެރެއިން ބާއްވާ އިންވެސްޓްމެންޓް ފޯރަމްގައި އެމްޑީޕީ ތަމްސީލުކުރާ ކައުންސިލްތައް ބައިވެރިވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު މާލީ މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ.
ޝިޕާޒް ވިދާޅުވީ ކޮންގްރެސް ތެރޭގައި ބާއްވާ އިންވެސްޓްމަންޓް ފޯރަމުގައި މަޝްވަރާ ކުރުމަށް މިހާރުވެސް 74 މަޝްރޫއު އެއް އެމްޑީޕީ ސެކްރެޓޭރިއޭޓަށް ކައުންސިލްތަކުން ހިއްސާކޮށްފައިވާ ކަމަށާއި އަދިވެސް އިތުރަށް ކައުންސިލްތަކުން މަޝްރޫޢުތައް ހިއްސާ ކުރާނެ ކަމަށެވެ. މިގޮތުން މަޝްވަރާކުރެވޭ މަޝްރުޢުތަކުގެ ޢަދަދު 100 އަށްވުރެ މަށްޗަށް އަރާނެ ކަމަށް ބެލޭވޭ ކަމަށްވެސް ޝިފާޒު ފާގަހަ ކުރެއްވިއެވެ.
