ދުނިޔޭގެ ފުރަތަމަ ފަހަރަށް ޔޫކްރޭނުން ބަރު ޑްރޯނެއްގައި ޒަޚަމްވި ސިފައިންގެ މީހަކު އުފުލައިގެން ސަލާމަތްކޮށްފި!

ހަނގުރާމައިގެ މައިދާންތަކުގައި ޑްރޯން ބޭނުންކުރުން އާންމުވެފައިވީ ނަމަވެސް، ޔޫކްރޭނުން މިވަނީ މުޅިން ތަފާތު އަދި ތާރީޚީ ކަމެއް ކޮށްފައެވެ. އެ ޤައުމުގެ އަސްކަރިއްޔާއިން ވަނީ ބަރު ހެލިކޮޕްޓަރ (Heavy Helicopter) ޑްރޯނެއް ބޭނުންކޮށްގެން، ކުރީ ސަފުގައި(Frontline) ޒަޚަމްވެފައި އިން ސިފައިންގެ މީހަކު ވައިގެ މަގުން އުފުލައިގެން ސަލާމަތްކޮށްފައެވެ.
ޔޫކްރޭންގެ 49 އަހަރުގެ އިންފެންޓްރީ ސިފައިންގެމީހެއް ކަމަށްވާ ކޮސްޓަންޓިން (Konstantin) އަށް ކުޕިއަންސްކް ސަރަޙައްދުގައި ރަޝިޔާގެ ޑްރޯން ހަމަލާތަކެއްގައި ދެފައި ވަނީ ޒަޚަމްވެފައެވެ. އޭނާއާއެކު އުޅުނު ސިފައިމީހާ މަރުވެ، އޭނާ އެކަނި ބިންމަތީގައި ތާށިވިއެވެ. އެ ސަރަހައްދުގައި ރަޝިޔާގެ ޑްރޯންތަކާއި ބިންގަނޑުގައި ހުރި މައިން (Mines) ތަކުގެ ސަބަބުން، ސްޓްރެޗަރު ހިފައިގެން ބިންމަގުން ސަލާމަތްކުރަން ދިޔުމަކީ ރެސްކިއު ޓީމަށް މަރުގެ ނުރައްކާ އޮތް ކަމަކަށް ވުމުން، އެކަން ނުކުރެވުނެވެ.
މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޔޫކްރޭންގެ 92 ވަނަ އެސޯލްޓް ބްރިގޭޑާއި ޑްރޯން އުފެއްދި ފަރާތްތައް ގުޅިގެން، ބަރު މުދާ އުފުލޭ "އަޔުދަގް-6" މަރުކާގެ ހެކްޓަކޮޕްޓަރ ޑްރޯން ބޭނުންކޮށްގެން އޭނާ ރައްކާތެރި ސަރަހައްދަކަށް އުފުލާލިއެވެ. ޑްރޯން މެދުވެރިކޮށް ރައްކާތެރި ސަރަހައްދަކަށް ގެންދެވުމާއެކު، އޭނާ ވަނީ ވަގުތުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދޭން ފަށާފައެވެ. ޑޮކްޓަރުން ބުނިގޮތުގައި މިހާރު އޭނާގެ ފުރާނައަށް އެއްވެސް ނުރައްކަލެއް ނެތެވެ. ހަނގުރާމައިގެ ނުރައްކާތެރި "ކިލް ޒޯން" ތަކުގައި އިންސާނުންގެ ފުރާނަ ސަލާމަތްކުރުމަށް އަންމޭންޑް ނުވަތަ ޑްރޯން ނިޒާމުތައް ބޭނުންކުރުމުގައި މިއީ އެޅުނު ވަރަށް ބޮޑު އަދި އުއްމީދީ ފިޔަވަޅެއް ކަމަށް އަސްކަރީ ތަޙުލީލުވެރިން ފާހަގަކުރެއެވެ.