ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން އެވޯޑް ލިބިފައިވާ މާފުށީގެ ތަރައްޤީގެ ޕްލޭން ހެދުމަށް ބަޔަކު ހޯދަނީ
ދުނިޔޭގެ އެންމެ ރީތި ޒިޕްލައިން އެވޯޑް ލިބިފައިވާ މާލެއަތޮޅު މާފުށީ ކައުންސިލްގެ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެކައުންސިލުން އިއުލާން ކޮށްފިއެވެ.
މާފުށީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު (7/2010)ގެ ދަށުން ކައުންސިލްތަކުން އެކުލަވާލަންޖެހޭ 05 އަހަރުގެ ތަރައްޤީ ޕްލޭން އަދި ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮށްދޭނެ ފަރާތްތަކުން އެކައުންސިލަށް 2026 ސެޕްޓެމްބަރު 21 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހެޅުމަށެވެ.
މާފުށީ ކައުންސިލުން މައުލޫމާތު ހާމަކޮށްފައިވާ ކުރިއަށް އޮތް ފަސް އަހަރުގެ ތަރައްޤީގެ ޕްލޭނާއި ފައިނޭންޝިއަލް ޕްލޭން އެކުލުމުގައި ކައުންސިލުންނާއި، ރައްޔިތުން ބޭނުންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ތަރައްޤީގެ ޕްލޭން ތައްޔާރު ކޮށްދޭން ވާނެއެވެ. މީގެ ތެރޭގައި މަދުވެގެން އަހަރަކު އެއްފަހަރު އާއްމު ބައްދަލުވުން ބޭއްވުމާއި، ކަމާގުޅުން ހުރި ދާރައިތާކުގެ މީހުން ބައިވެރިކޮށްގެން ޓައުންހޯމް ބައްދަލުވުން މެދުވެރިކޮށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުންތައްވެސް އިންތިޒާމް ކުރަން ޖެހޭނެއެވެ.
މާފުށީގެ ކަންކަމާއި މައްސަލަތަކާއި ބެހޭގޮތުން ފޯކަސް ގްރޫޕް ތަކާއި ކުދިކުދި ގްރޫޕްތަކާއެކު މަޝްވަރާކޮށް ޚިޔާލު ހޯދުމުގެ ބައްދަލުވުން ތަކާއި ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ބައެއް ބައްދަލުވުންތައް ޒުވާނުން ޝައުޤްވެރިކަން ހުންނަ ސޯޝަލް މީޑީއާ ޕްލެޓްފޯމް ތަކުގައިވެސް ކުރިއަށް ގެންގޮސްދޭން ވާނެ ކަމަށް މާފުށީ ކައުންސިލުން އާއްމު ކޮށްފައިވާ މައުލޫމާތު ކަރުދާހުގައި ހިމެނެއެވެ.
މާފުއްޓަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން، ރަށްފުށުގައި ފަތުރުވެރިކަން އެންމެ ކުރިއަރާފައިވާ މުޅި ދުނިޔޭގައިވޭސް މަޝްހޫރުކަން ލިބިފައިވާ ރަށެކެވެ.
