ދިއްދޫ ސްޕޯޓްސް ކްލަބު އަމިއްލަ ރަށުގައި ކުޅެގެން ހަނިގޮތަކަށް ފުރަތަމަ ފަހަރަށް ބަލިވެއްޖެ

ދިވެހި ޕްރިމިއަރ ލީގުގައި ހއ. ދިއްދޫ ސްޕޯޓްސް ކްލަބް، އަމިއްލަރަށް ދިއްދޫގައި ކުޅުނު ތިންވަނަ މެޗުގައި ޓީސީ ސްޕޯޓްސް ކްލަބާއި ވާދަކޮށް ހަނިގޮތަކަށް މިއަދު ބަލިވެއްޖެއެވެ.
މިއަދު ހަވީރު ދިއްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗު ޓީސީ ކާމިޔާބު ކުރީ 1-0 ގެ ތަފާތަކުންނެވެ. މިއީ ލީގުގައި ދިއްދޫ އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ މެޗެވެ.
މިލީގުގައި ދިއްދޫ މީގެ ކުރިން ރަށުގައި ކުޅުނު ދެ މެޗުވެސް ނިމިގެންދިޔައީ ދެރަގޮތަކަށް އެއްވަރު ވެގެންނެވެ. މިގޮތުން އޮކްޓޯބަރު 10 ވަނަ ދުހު ނިއުއާއިއެކު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. އެ މެޗުގައި ނިއުއަށް ނަތީޖާ ހަމަހަމަކުރެވުނީ ފުރިހަމަ ވަގުތު ހަމަވެގެން ދެއްކި އިތުރު ވަގުތުގެ 10 މިނިޓު ނިމި، އިތުރަށް ކުޅުނު 11 ވަނަ މިނިޓުގައެވެ.
ދިއްދޫ ހޯމްގައި ދެވަނަ މެޗު ކުޅުނީ އޮކްޓޯބަރު 16 ގައި ކްލަބް އީގަލްސް އާއި ދެކޮޅަށެވެ. މި މެޗުވެސް 2-1 އިން ދިއްދޫ ކުރީގައި އޮވެގެން ނިމެންދަނިކޮށް އީގަލްސް އިން ވަނީ މެޗުގެ ފަހު މިނިޓްގައި ލަނޑެއްޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. މިއީ ދިއްދޫ ޓީމަށްލިބުނު ލީޑް ހިފަހައްޓަން ނޭގުމުގެ ސަބަބުން ވީގޮތެކެވެ.
މިއަދުގެ މުޅި މެޗުގައި ވެސް ދިއްދޫ ވަނީ ޓީސީ ހާސްކޮށްލައިގެން ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ދިއްދޫގެ ހުނަރުވެރި ފޯވާޑުން ފޮނުވާލި އެއްވެސް ބޯޅައެއް ގޯލްގެ ތެރެއަށް ވަންނަގޮތެއް ނުވިއެވެ. މި މެޗުގައި ދިއްދޫ އުފެއްދި ހަމަލާތަކަށް ބަލާއިރު، ދިއްދޫގެ ގާނާ ފޯވާޑް ގިޑިއެން ޓެޓޭ އާއި މުހައްމަދު ޝަނާއު ނަސީރު ގޯލަށް އަމާޒުކުރި ހަމަލާތައް ފާހަގަކޮށްލެވެއެވެ.
މެޗުގައި ޓީސީގެ ލަނޑު ފެނުނީ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި އެ ޓީމު ބްރެޒިލް މިޑްފީލްޑަރު، ޖޯސޭ މެގްސަންގެ ފަރާތުންނެވެ.
ދިއްދޫ މިއަދު ޓީސީ އާއި ދެކޮޅަށް ކުޅެފައި ވަނީ އެ ޓީމު ލީގުގައި ކުޅުނު ހަވަނަ މެޗެވެ. ދިއްދޫގެ ހަތްވަނަ މެޗުގައި ދެން ނުކުންނާނީ ނޮވެމްބަރު 23 ގައި މާޒިޔާއާ ދެކޮޅަށެވެ. އަދި އަށްވަނަ މެޗުގައި ނޮވެމްބަރު 27 ގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ގަލޮޅު ދަނޑުގައި ނުކުންނާނެއެވެ. ލީގުގެ ފަހު މެޗުގައި ޑިސެމްބަރު 4 ގައި އަމިއްލަ ދަނޑުގައި ކުޅޭނީ ގައްދޫއާ ދެކޮޅަށެވެ.
ދިވެހި ޕްރެމިއާ ލީގުގައި މޮޅު ކުޅުމެއްދައްކަމުން އަންނަ ދިއްދޫ ވަނީ ''އެފްއޭއެމް އެވޯޑްސް 2026'' ގައި ފާއިތުވި ސީޒަނުގައި ރާއްޖޭގެ އެންމެ މޮޅު ރީޖަނަލް ދެވަނަ ކްލަބުގެ އެވޯޑް ހޯދާފައެވެ.