ދިއްދޫ އާއި ގައްދޫއަށް އެފް އޭ އެމްގެ މެންބަރުކަން ލިބިއްޖެ
ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރަމުންދާ ހއ. ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަން ކްލަބަށް އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ދީފި އެވެ.
މީރުމާ ހޮޓެލްގެ ކޮންފަރެންސް ރޫމްގައި ރޭ ބޭއްވި އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނެގި ވޯޓްގައި ގައްދުއާއި ދިއްދުއަށް އެފްއޭއެމްގެ މެންބަރުކަން ދިނީ ހާޒިރުވި މެންބަރު ކްލަބްތަކުގެ އިއްތިފާގުންނެވެ.
މިއީ އަތޮޅު މުބާރާތްތަކުން ފެށިގެން، ދިވެހި ޕްރީމިއާ ލީގަށް ޕްރޮމޯޓްވެ، އެފްއޭއެމްގެ ފުރިހަމަ މެންބަރުކަން ކްލަބްތަކުން ހޯދި ފުރަތަމަ ފަހަރެވެ.
މީގެ ކުރިންވެސް އަތޮޅު މުބާރާތްތަކުން ފެށިގެން އެކި ރަށްރަށުގެ ޓީމުތައް ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރި އެވެ. ނަމަވެސް އެއިން އެއްވެސް ޓީމަކަށް އެފްއޭއެމްގެ ކޮންގްރެސްގައި ބަސްބުނެ ވޯޓް ދިނުމުގެ ފުރުސަތެއް ނުލިބެއެވެ.
ގައްދު އާއި ދިއްދޫއަށް އެފްއޭއެމްގެ މެންބަރުކަން ލިބުމުން، ކޮންގްރެސްގައި ވޯޓުދިނުމާއި އިންތިހާބުތަކުގައި ބައިވެރިވުމުގެ ހައްގު ވަގުތުން އެރަށަށް ލިބިގެންދިޔައީ އެވެ.
އެފްއޭއެމްގެ އަސާސީގަވާއިދު ބުނާގޮތުން، ކްލަބަކަށް މެންބަރުކަން ދިނުމާއި، ސަސްޕެންޑްކުރުން ނުވަތަ ވަކިކުރުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޮންގްރެސްއަށެވެ. އަދި އެކްޒެކެޓިވް ކޮމިޓީން ޝަރުތުތައް ހަމަވާކަން ކަށަވަރުކުރުމަށްފަހު، މެންބަރުކަން ދިނުމާ މެދު ގޮތެއް ނިންމަން ހުށަހަޅަނީ ކޮންގްރެސްއަށެވެ.
ނަމަވެސް، މެންބަރު ކްލަބްތަކުން އެފްއޭއެމް، ފީފާ، އޭއެފްސީ އަދި ސާފްގެ ގަވާއިދުތަކަށް ފުރިހަމައަށް ތަބާވާންޖެހެއެވެ. އަދި ވިދިވިދިގެން ދެ ސީޒަނުގައި އެފްއޭއެމްގެ ހަރަކާތްތަކުގައި ބައިވެރިނުވާ ކްލަބްތަކުން ވޯޓުދިނުމުގެ ހައްގު ސަސްޕެންޑް ކުރެވޭނެއެވެ.
