ދެކުނުގެ ރަށެއްގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލައިގައި ދެ ބިދޭސީ ޓީޗަރުން ހައްޔަރުކޮށްފި!
ދެކުނުގެ ރަށެއްގެ ސްކޫލެއްގައި ކިޔަވައިދެމުންދިޔަ ދެ ބިދޭސީ ފިރިހެން ޓީޗަރަކު، އެ ރަށު އަންހެން ދަރިވަރުންތަކަކަށް ޖިންސީ ގޯނާކުރި ދެ މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
ސައުތު ސެންޓްރަލް ޕޮލިސް ރީޖަންގައި ހިމެނޭ އެ ރަށުން ފުރަތަމަ ރިޕޯޓުކޮށްފައިވަނީ 16 އަހަރުގެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ. މި މަހުގެ 11 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލައާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 14 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ ގްރޭޑް 10 އަށް ހިސާބު ކިޔަވައިދޭ 52 އަހަރުގެ ބިދޭސީ ޓީޗަރެކެވެ. އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެއިތުރުން، އެ ރަށުން ދެވަނަ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 17 ވަނަ ދުވަހުއެވެ. އެއީ 12 އަހަރާއި 13 އަހަރާ ދެމެދުގެ ދެ އަންހެން ދަރިވަރަކަށް ޖިންސީ ގޯނާކުރި މައްސަލައެކެވެ. މި މައްސަލައިގައި އިނގިރޭސި ކިޔަވައިދޭ 52 އަހަރުގެ އަނެއް ބިދޭސީ ޓީޗަރު ހައްޔަރުކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މައްސަލައިގެ ތަޙްޤީޤަށް 30 ދުވަހުގެ ބަންދުގެ މުއްދަތެއް ވަނީ ދީފައެވެ.
އެ ރަށުގެ މީހުން މައުލޫމާތު ދޭ ގޮތުގައި، ހައްޔަރުކުރެވުނު ދެ ޓީޗަރުންނަކީވެސް އެ ރަށު ސްކޫލުގައި ގިނަ އަހަރުތަކެއް ވަންދެން ކިޔަވައިދެމުންދިޔަ ދެ މީހުންނެވެ. އަދި އެ ދެ މީހުން ދަރިވަރުންނަށް އިސްތިޣްލާލް ކުރާތާ އެތައް ދުވަހެއް ވެފައިވާ ކަމަށް ރަށުގެ އާންމުން ތުހުމަތުކުރެއެވެ. ފުލުހުން ބުނެފައިވަނީ މި ދެ މައްސަލަވެސް ވަރަށް ސީރިއަސް މައްސަލަތަކުގެ ގޮތުގައި އިތުރަށް ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

