News Featured

ދެ ދިވެހިން ޔޫ އޭ އީގެ ޖަލުގައި ހައްޔަރުކޮށްފައިވާތާ 12 ދުވަސް

Advertisement
ދެ ދިވެހިން  ޔޫ އޭ އީގެ ޖަލުގައި ހައްޔަރުކޮށްފައިވާތާ 12 ދުވަސް
ފޮޓޯ: އަދަދު
ތަފްޞީލް

ޔުނައިޓެޑް އެރަބް އެމިރޭޓްސްގެ ޑުބާއީ އިން ފުރައިގެން އިޒްރޭލުގެ ތެލް އަވީވަށް ދަތުރު ކުރި ފްލައިޑުބާއީގެ މަތިންދާބޯޓު ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ ހައްޔަރުކުރި ދެ ދިވެހީން އަސާސީ ހައްގުތަކުން މަހުރޫމްކޮށްފައި ތިބޭތާ 12 ދުވަސް ފާއިތުވެއްޖެ އެވެ.


އެނގިފައިވާ ގޮތުގައި ޔޫއޭއީގައި ހައްޔަރު ކުރި ދެ ދިވެހިންނަކީ ފްލައިދުބާއީގައި މަސައްކަތް ކުރާ ހަ ދިވެހި ޕައިލެޓުންގެ ތެރެއިން އެންމެފަހުން އެތަނާ ގުޅުނު ދެ މީހުންނެވެ.


އެ މައްސަލައިގެ ތަހުގީގަށް ކަމަށް ބުނެ އެ ދެ ދިވެހިން ހައްޔަރުކުރީ މި މަހު 3، ގަ އެވެ. ނަމަވެސް، މިއަދާ ހަމައަށް ވެސް އެ މީހުންނަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ހައްގު ލިބިފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ. އަދި، އެ މީހުންގެ އާއިލާއާ ގުޅައި ވާހަކަދެއްކުމުގެ ހައްގު ވެސް އެ މީހުންނަށް ދީފައި ނުވާކަމަށް އެނގިފައިވެއެވެ.


މި ދެ މީހުން ހައްޔަރުކުރިކަން ޔޫއޭއީގައި ހުންނަ ދިވެހި އެމްބަސީން އާއިލާއަށް އެންގީ މި މަހު 8، ގަ އެވެ. އޭގެ ކުރިން އެމީހުންނަށް ވީނުވީއެއް އެއްވެސް މިންވަރަކަށް، ދިވެހި އެމްބަސީއަށް އަންގާފައެއް ނުވެއެވެ. އަދި އެމްބަސީގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ފުރުސަތު މިހާތަނަށް ވެސް ދީފައެއްނުވެ އެވެ .


ބަންދު ކުރެވޭ މީހާއަށް ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ދިނުމަކީ، ބަންދު ކުރެވޭ މީހާއާމެދު އަމަލު ކުރަންޖެހޭ އދ. ގެ މަންޑޭލާ ރޫލްސްގެ ދަށުން ގޮވާލާ ކަމެކެވެ. އަދި ގާނޫނީ އެހީތެރިކަން ހޯދުމުގެ ފުރުސަތު ކޮންވެންޝަން އެގެއިންޓްސް ޓޯޗާއިން ވެސް ލިބެ އެވެ. އެއީ ޔޫއޭއީ އިން ވެސް ސޮއިކޮށްފައިވާ މުއާހަދާއެކެވެ.


އޭގެ އިތުރުން، ބިދޭސީއަކު ހައްޔަރުކޮށްފި ނަމަ، އެމީހަކު ހައްޔަރު ކޮށްފައިވާކަން އޭނާގެ ގައުމަށް ލަސްނުކޮށް އެންގުމުގެ ހުއްދަ އާއި އޭނާގެ ގައުމުގެ އޮފިޝަލުންނާ ބައްދަލު ކުރުމުގެ ހައްގު ހިފަހައްޓާ މަހުރޫމް ކުރުމަކީ ވިއެނާ ކޮންވެންޝަނާ ޚިލާފު އަމަލެކެވެ. މިހައްގުވެސްވަނީ ހިފަހައްޓާފައެވެ. ވިއެނާ ކޮންވެންޝަނުގައި ޔޫއޭއީ އިންވަނީ ސޮއިކޮށްފައެވެ. 


އެ ދެ ދިވެހިންގެ ބަންދާމެދު ދިވެހި ސަރުކާރުން ރަސްމީކޮށް މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެ އެވެ. އެކަން ޔޫއޭއީއަކުން ވެސް ހާމައެއް ނުކުރެ އެވެ. އެ ގައުމުގެ ނޫހެއްގައި ވެސް އަދި އެ ވާހަކައެއް ނުލިޔެ އެވެ. ނަމަވެސް ދެ ދިވެހިން ބަންދުކުރިކަން ސަރުކާރުގެ ތަރުޖަމާނު ވަނީ ޔަގީންކޮށްދީފަ އެވެ.


Topics:
Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް