ދަރިފުޅު ރޮނީތަ؟ ހަމައަކަށް އަޅުވަން ސައިންސްގެ އަލީގައި ހެދި "ދަ ހެޕީ ސޮންގް" އަށް ބޮޑު ތަރުހީބެއް!
ކުޑަކުދިން ރޯއިރު ނުވަތަ ރުޅިއަރައިގެން އުޅޭއިރު އެކުދިން އުފާކޮށްދީ ހަމައަކަށް އަޅުވައިދިނުމަށްޓަކައި ސައިންސްވެރިންނާއި މިއުޒިކް އުފައްދާ ފަރާތްތައް ގުޅިގެން ހާއްސަ ދިރާސާތަކަކަށްފަހު ތައްޔާރުކުރި "ދަ ހެޕީ ސޮންގް" (The Happy Song) އަށް ބައިނަލްއަގުވާމީ މީޑިއާތަކާއި ސޯޝަލް މީޑިއާގައި ބޮޑު ތަރުހީބެއް ލިބެމުންދެއެވެ.
މި ލަވައަކީ އިނގިރޭސިވިލާތުގެ "ސީ އެންޑް ޖީ ބޭބީ ކްލަބް" ގެ އެދުމުގެ މަތިން، މަޝްހޫރު ލަވަކިޔުންތެރިޔާ އިމޯޖެން ހީޕް އާއި ލަންޑަންގެ ގޯލްޑްސްމިތުސް ޔުނިވަސިޓީގެ ކުޑަކުދިންގެ ނަފްސާނީ މާހިރުން ގުޅިގެން އުފެއްދި ލަވައެކެވެ.
ލަވަ ތައްޔާރުކުރި ގޮތް
މި ލަވަ ތައްޔާރުކުރުމަށްޓަކައި 8 މަސްދުވަހުގެ ދިރާސާއެއް ހިންގިއެވެ. އެގޮތުން، ކުޑަކުދިން އެންމެ ގަޔާވާ އަޑުތަކާއި، ރިދަމްތައް ހޯދުމަށްޓަކައި ސައިންސްވެރިން ވަނީ 400 އަށްވުރެ ގިނަ ބެލެނިވެރިންގެ ކިބައިން މައުލޫމާތު އެއްކޮށްފައެވެ. ކުދިން އެންމެ އުފާވަނީ ކާރުގެ އަޑާއި، އެކި ބާވަތުގެ ޖަނަވާރުތަކުގެ އަޑާއި، ކުދިން ހީލާ އަޑު އިވުމުންކަން ދިރާސާއިން އެނގުނެވެ.
ލަވައިގެ ރިދަމް ބެހެއްޓީ ކުޑަކުދިންގެ ހިތުގެ ތެޅުމާ އެއްވަރަކަށް، އަވަސް އަދި އުފާވެރި ރާގަކަށެވެ. އަދި ލަވަ ރެކޯޑުކުރިއިރު، އެކި އުމުރުގެ ކުދިންގެ ހިތުގެ މިނާއި، އެކުދިންގެ ހަރަކާތްތަކަށް އަންނަ ބަދަލުތައް މޮނިޓަރުކޮށް، ކުދިން އެންމެ ގަޔާވި ރާގުތައް ހޮވައިގެން ލަވަ ފުރިހަމަކުރިއެވެ.
އާންމުންގެ ބޮޑު ތަރުހީބެއް.
މި ލަވައާއެކު ނެރުނު އެނިމޭޝަން ވީޑިއޯގައި ސޫފިތަކާއި ޖަނަވާރުތައް ބޭނުންކޮށްގެން ކުދިންގެ ސަމާލުކަން އަތުލާނެ ގޮތްތައް ވަނީ ހިމަނާފައެވެ. ސްޕޮޓިފައި، ޔޫޓިއުބް އަދި އެހެނިހެން މިއުޒިކް ޕްލެޓްފޯމްތަކުގައި މި ލަވަ އެތައް ސަތޭކަ މިލިއަން ފަހަރު ކުޅެފައިވާއިރު، ގިނަ ބެލެނިވެރިން ފާހަގަކުރާ ގޮތުގައި މިއީ ކުދިން ރޯ ވަގުތުތަކުގައި ކުދިން ހަމައަކަށް އަޅުވައިދޭ އެންމެ އެފެކްޓިވް "ސިއްރު ހަތިޔާރެވެ".
