ބޭރުގެ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ޚިދުމަތްތަކުން ޓެކްސް ނަގަންފަށައިފި



ޤާނޫނު ނަންބަރު 10/2011 (މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު) އަށް 8 ވަނަ ބަދަލު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފިއެވެ.
ބަދަލާއި ބެހޭ ބައެއް މައުލޫމާތު:
- މި ބަދަލު މަޖިލީހުން ފާސްކޮށްފައިވަނީ 2026 އޮގަސްޓް 23 ވަނަ ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދެވަނަ ދައުރުގެ 27 ވަނަ ޖަލްސާއިން
- ދިވެހިރާއްޖޭގެ ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެއްޓުން
- އޯފްޝޯ ބުކިންގ ޕްލެޓްފޯމްތަކާއި، ފޮރިން ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ޖީ.އެސް.ޓީ ނެގުން
- މި ބަދަލާއި ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާއިން އަލަށް ޖީ.އެސް.ޓީ (ނުވަތަ ޓީޖީއެސްޓީގެ %17) ނެގޭނެ މުދަލާއި ޚިދުމަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގައި ވިޔަފާރީގެ ދާއިމީ މަރުކަޒެއް ނެތް ފަރާތްތަކުން ފޯރުކޮށްދޭ އިންބައުންޑް ޕްރޮޑަކްޓްތައް ކަމަށްވާ، ހުރުމާއި ކެއުން، ދަތުރުފަތުރު އަދި އެނޫންވެސް ފަތުރުވެރިކަމާ ގުޅުންހުރި ހަރަކާތްތަކުން
- އަލަށް ގެނެވުނު ބަދަލުން ޓެކްސް ނަގަން ފަށާނީ، 2026 އޮކްޓޯބަރު 1 ވަނަ ދުވަހުން ފެށީގެން
- މި ބަދަލާއި ގުޅިގެން އެ ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތަކާއި، ޤާނޫނުގެ ދަށުން އަލަށް އެކުލަވާލަންޖެހޭ ގަވާއިދުތައް، ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެކުލަވާލުން
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް 8 ވަނަ ބަދަލު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކުރެއްވުމާއެކު މި މި ބަދަލަށް މިހާރު ވަނީ ޢަމަލުކުރަން ފަށާފައެވެ.