News Featured

ބޭނުންކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް

Advertisement
ބޭނުންކުރެވޭ ރިޒާވް ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް
މޯލްޑިވްސް މަނިޓަރީ އޮތޯރިޓޯ
ތަފްޞީލް

ބޭރު ފައިސާގެ ރިޒާވު ދަށްވަމުންގޮސް ނުވަ މަސް ތެރޭގައި ފުރަތަމަ ފަހަރަށް 200 މިލިއަން ޑޮލަރުން ދަށަށް ގޮސްފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.


އެމްއެމްއޭގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ބޭރު ފައިސާގެ ޖުމްލަ ރިޒާވުގައި ހުރީ 547.8 މިލިއަން ޑޮލަރެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު 96 މިލިއަން ޑޮލަރު މަދު އަދަދެކެވެ.


ބޭނުންކުރެވޭ ރިޒާވު ނުވަތަ ޔޫސަބަލް ރިޒާވު ވަނީ 169.7 މިލިއަން ޑޮލަރަށް މަދުވެފަ އެވެ. މިއީ 30.8 މިލިއަން ޑޮލަރުގެ މަދުވުމެކެވެ. މިދިޔަ މަހަކީ، ސުކޫކު އަނބުރާ ދެއްކި އޭޕްރިލް މަސް ނަގާފައި ޖުމްލަ ރިޒާވާއި ބޭނުންކުރެވޭ ރިޒާވު އެންމެ ބޮޑަށް ހީނަރުވީ މަހެވެ.


ބޭނުންކުރެވޭ ރިޒާވުގައި މިހާރު ހުރީ އެންމެ މަސް ދުވަހުގެ ތެލާއި، ބޭހާއި، ކާޑުގެ ބާވަތްތައް އިމްޕޯޓުކުރެވޭ ވަރުގެ އަދަދެކެވެ.


މި އަހަރުގެ ރިޒާވު ހުރި ގޮތުގެ ތަފުސީލަށް ބަލާއިރު، މިދިޔަ އަހަރުން ފެށިގެން ރިޒާވު އިތުރުކުރަމުން އައިސް، މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ޖަމާކުރި އެވެ. ނަމަވެސް ޖެހިގެން އައި މަހު ސުކޫކުގެ ބޮޑު ދަރަނި އަދާކުރި ފަހުން، ރިޒާވު އަދިވެސް ހަމައަކަށް ނޭޅެއެވެ.


ސަރުކާރުން ބުނާ ގޮތުގައި ޑޮލަރު ރިޒާވަށް މިހާ ބޮޑު ޕްރެޝަރެއް ކުރިމަތިވީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ އިމްޕޯޓުކުރުމުގެ ހަރަދުތައް އިންތިހާއަށް ބޮޑުވުމުންނެވެ. ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު ތެޔޮ އިމްޕޯޓުކުރަން މަހެއްގެ މައްޗަށް ހަރަދުވީ އެވަރެޖު އުޅެނީ 100 މިލިއަން ޑޮލަރުން މަތީގަ އެވެ.


މެދުއިރުމަތިގެ ހަމަނުޖެހުން ފެށުނުތާ ކައިރީގައި ޚަރަދުތައް ކުޑަނުކޮށް ސަރުކާރުން އޭރު ބުނަމުންއައީ ރާއްޖެއަށް ތެލުގެ އެއްވެސް ދަތިކަމެއް ނެތްކަމަށެވެ. ނަމަވެސް ދުނިޔޭގެ ބޮޑެތި ގައުމުތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 


މި ހާލަތުން އަރައިގަނެ، ރިޒާވު ހަމައަކަށް އަޅުވަން ސަރުކާރުން މިހާރު ދަނީ ވޯލްޑް ބޭންކާއި އެހެނިހެން ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމަށް އެދެމުންނެވެ. ސަރުކާރުން ބުނާ ގޮތުގައި ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކޮށް، އިގުތިސޯދީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުމަށްޓަކައި މި ވަގުތު ބޭރުގެ މާލީ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވެ އެވެ.


Share this article: Facebook Twitter WhatsApp
Related Articles
ގުޅުންހުރި ޚަބަރުތައް