ބޭއިންސާފުން މުއައްޒަފުން ވަކިކުރަމުންދާތީ މެންބަރު ޝާކިރުގެ ސިޓީއެއް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވައިފި.



މާވަށު ދާއިރާއަށް ނިސްބަތްވާ މުވައްޒަފުން ބޭއިންސާފުން ކުންފުނި ތަކުން ވަކި ކުރަމުންދާނީ އެކަން ހަރުކަށި ޢިބާރާތުން ކުއްވެރިކޮށް، އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނޭ ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަޙްމަދު ޝާކިރު، ރައީސުލްޖުމްހޫރިއްޔާއަށް ސިޓީއެއް ފޮނުއްވައިފިއެވެ.
ރައީސް ޑރ. މުއިއްޒުއަށް މެންބަރު ޝާކިރު ފޮނުއްވި ސޓީގައި ދައުލަތުގެ ކުންފުނިތަކުން މުއްޒަފުން އިންސާފެއްނެތި ވަކި ކުރަމުން ދާދިއުމާއި މެދު ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ޙައިސިއްޔަތުންނާއި މާވަށު ދާއިރާގެ ރައްޔިތުންގެ ނަމުގައި އިންތިހާއަށް ކަންބޮޑުވާ ކަމަށާއި، އެކަން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށް ވަނީ ބަޔާން ކޮށްފައެވެ.
ދައުލަތުގެ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަކީ މުޙިއްމު ކަމެއް ކަމުގައި ވީނަމަވެސް، ސަރުކާރުން މުވައްޒަފުން ވަކިކުރަމުންދަނީ ބޭއިންސާފުން ކަމަށާއި، އަދި ސިޔާސީ މަޤާމުތަކަށް ބޮޑެތި މުސާރަތައް ދީގެން އައްޔަން ކޮށްފައިވާ ފަރާތްތަކުގެ ޚަރަދު ތަކާއި، ބޭކާރު ގޮތުގައި ސަރުކާރުން ހިންގާ މަޝްރޫޢު ތަކުގެ ޚަރަދުތައް ކުޑަކުރުމުގެ ބަދަލުގައި، "ޚަރަދު ކުޑަކުރުމުގެ" ނަމުގައި ސަރުކާރުން ބުރަ ޖައްސަމުންދަނީ އެންމެ އާދައިގެ، އިޤްތިޞާދީ ގޮތުން ނިކަމެތި ޙާލަތުގައި ތިބި ދިވެހިންނަށް ކަމަށް މެންބަރު ޝާކިރު ރައީސަށް ފޮނުއްވި ސިޓީގައި ވަނީ ފާހަގަ ކުރައްވާފައެވެ.
މެންބަރު ޝާކިރު ފާހަގަ ކުރެއްވި ގޮތުގައި، އެކަށޭނަ ސަބަބެއް ނެތި ލ. މާވަށުން 7 މުވައްޒަފަކު، ލ. ކުނަހަންދޫއިން 33 މުއައްޒަފަކު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އަދި ލ. ކުނަހަންދޫ އާއި ލ. މާވަށުން މުވައްޒަފުން ވަކިކުރުމުގައި ސަރުކާރާއި އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީއަށް ތާޢީދު ކުރާ ނުވަތަ ތާޢީދު ކުރާކަމަށް ބެލެވޭ މުއައްޒަފުންނަށް ވަކީ ޚާއްޞަކޮށް އަމާޒު ކޮށްފައިވާކަން ސާފުކޮށް އެނގޭ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުގެ ރައީސުލްޖުމްހޫރިއްޔާ އަށް ފޮނުއްވި ސިޓީގައި، ލ. ހިތަދޫއިން 6 މުއައްޒަފަކު ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރުދައްކައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކުރުމަށް މަޖުބޫރު ކުރުމަކީ ކަންބޮޑު ވާކަމެއް ކަމަށްވެސް ވަނީ ބަޔާން ކޮށްފައެވެ. އަދި އެކަމަކީ އިންސާނީ އަސާސީ ޙައްޤުތަކާއި، މަސައްކަތްތެރިންގެ ޙައްޤު ތަކާއި ޚިލާފު އަދި އާއިލާތަކަށް ހީނަރުކަން ގެނުވާނެ ޢަމަލެއް ކަމަށްވެސް ވިދާޅުވިއެވެ.
މާވަށު ދާއިރާގެ މެންބަރުގެ ސިޓީ ނިންމަވާލައްވަމުން ސަރުކާރަށް ގޮވާލައިވާފައިވަނީ ސިޔާސީ ބޭނުމަށް ކުރެވޭ ތަފާތު ކުރަނިވި ޢަމަލުތައް ހުއްޓަވާލެއްވުމަށާއި، ދައުލަތުގެ ޚަރަދު ކުޑަކުރެއްވުމުގައި ނިކަމެތި ޢާއިލާތަކަށް އެކަމުގެ އަސަރު ކުޑަވާނޭހެން ޢަމަލު ކުރެއްވުމަށެވެ.