ބައިނަލްއަޤްވާމީ ބޮޑު އޮޕަރޭޝަނެއްގެ ތެރެއިން ސްކޭމްތަކުގައި ގެއްލުނު 3.1 މިލިއަން ރުފިޔާ ފުލުހުން ހޯދައިފި!
މާލީ މަކަރާއި ހީލަތް ހުއްޓުވުމަށްޓަކައި ދިވެހި ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރާއި ދުނިޔޭގެ 30 ޤައުމެއްގެ ތަންފީޒީ އިދާރާތައް ގުޅިގެން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގެ ތެރެއިން، އާންމުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާ 3.1 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އޮޕަރޭޝަންގެ މުއްދަތުގައި ސްކޭމްގެ 544 މައްސަލައެއް ރިޕޯޓުކޮށްފައިވާއިރު، މަކަރާއި ހީލަތުން ގެއްލުނު ފައިސާގެ 59 އިންސައްތަ ވަނީ އަނބުރާ ހޯދައިދެވިފައެވެ. މީގެ އިތުރުން، ސްކޭމްތަކަށް ބޭނުންކުރި 1,000 އަށްވުރެ ގިނަ ބޭންކު އެކައުންޓު ފްރީޒްކޮށް، އެފަދަ ކަންކަމަށް ބޭނުންކުރި ގިނަ އަދަދެއްގެ ސިމް ކާޑުތަކެއް ވަނީ ބްލޮކްކޮށްފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިންކޮށް ތަކެތި ގަނެވިއްކުމުގެ ތެރޭގައި ހިންގާފައިވާ މަކަރާއި ހީލަތުގެ މައްސަލަތަކާއި، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްތަކެވެ. މީގެ އިތުރުން ފޭކް ރިސޯޓު ބުކިންތަކާއި، މަޝްހޫރު މީހުންގެ ނަމުގައި އެކައުންޓު ހަދައިގެން ފައިސާ ހޯދުމުގެ މައްސަލަތައްވެސް ހިމެނެއެވެ. ފުލުހުން ވަނީ މި އޮޕަރޭޝަންގެ ތެރެއިން ތުހުމަތުކުރެވޭ 17 މީހަކު ހައްޔަރުކޮށް، އާޓިފިޝަލް އިންޓެލިޖެންސް (AI) ބޭނުންކޮށްގެން ހިންގާ ޑިޖިޓަލް މާލީ ކުށްތައް ހުއްޓުވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައެވެ.
މި އޮޕަރޭޝަންގެ ތެރެއިން ތަންފީޒީ ފިޔަވަޅުތައްެ އެޅުމުގެ އިތުރުން، އާންމުން ސްކޭމްތަކަށް ހޭލުންތެރިކުރުވުމަށާއި މާލީ ނުރައްކާތަކުން ރައްކާތެރިކުރުމުގެ ގޮތުން ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ވަނީ 34 ހޭލުންތެރިކުރުމުގެ ހަރަކާތެއްވެސް ކުރިއަށްގެންގޮސްފައެވެ.

