ބާސެލޯނާގައި މުޒާހަރާގެ ބައިވެރިން ނުކުމެ ފިހާރަތައް ފޭރި، ރޯކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފި!
ސްޕެއިންގެ ބާސެލޯނާގައި ޒުވާނުންތަކެއް އިސްނަގައިގެން ކުރިއަށްގެންދިޔަ މުޒާހަރާއެއް ބޮޑު ހަމަނުޖެހުމަކަށް ބަދަލުވެ، ފިހާރަތައް ފޭރުމާއި ރޯކުރުމުގެ ޢަމަލުތަކެއް ހިންގުމާ ގުޅިގެން ފުލުހުން ނުކުމެ 100 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފިއެވެ.

ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާސެލޯނާގެ މަރުކަޒީ ސަރަޙައްދު ކަމަށްވާ "ޕްލާޒާ ދެ ކެޓަލޫނިއާ" ކައިރިއަށް އެއްވި މޫނުމާސްކު އަޅައިގެން ތިބި މުޒާހަރާގެ ބައިވެރިން ވަނީ އެ ސަރަޙައްދުގެ 14 ފިހާރައަކަށް ވަދެ ތަކެތި ފޭރި، މަގުމަތީގައި ހުރި ކުނިއަޅާ ވަށިގަނޑުތަކުގައި ރޯކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ލަކުޑި ދަނޑިއާއި ފުޅި އަދި ގަލުން ފުލުހުންނަށް ޙަމަލާދީފައެވެ.
މި ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް ކެޓަލޯނިއާގެ ރަޔަޓް ފުލުހުން (މޮސޯސް ދެ އެސްކުއަޑްރާ) ވަނީ ބާރުގެ ބޭނުންކޮށް، އެއްވުން ރޫޅާލާފައެވެ. ފުލުހުން ހާމަކުރި ގޮތުގައި، ހައްޔަރުކުރެވުނު 100 މީހުންގެ ތެރެއިން ހަތަރުބައިކުޅައެއްބަޔަކީ ކުޑަކުދިންނެވެ.

މި ހަމަނުޖެހުންތައް ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ބާސެލޯނާގައި ދިރިއުޅުމުގެ ޚަރަދުތަކާއި ގޭގެ ކުލި އިންތިހާއަށް އުފުލި، އާންމު ޒުވާނުންނަށް އެކަށީގެންވާ އަގުގައި ބޯހިޔާވަހިކަން ނުލިބޭތީ އުފެދުނު ނުރުހުމުގެ ސަބަބުންނެވެ. ބައިނަލްއަޤްވާމީ މީޑިއާތަކުން ކަށަވަރުކޮށްދޭ ގޮތުގައި، މުޒާހަރާގެ ބައިވެރިން މަގުތަކަށް ނުކުމެ ގޮވާލަމުންދިޔައީ ކުލި ކުޑަކުރުމަށާއި، ފަތުރުވެރިކަމަށް ޚާއްޞަކޮށްގެން ކުއްޔަށްދޭ އެޕާޓްމަންޓްތައް މެދުކަނޑާލައި، އާންމުންނަށް އެކަށީގެންވާ ބޯހިޔާވަހިކަމުގެ ޤާނޫނެއް ފާސްކުރުމަށެވެ. ނަމަވެސް، މުޒާހަރާގެ ތެރެއަށް ވަދެގަތް ހައްދުފަހަނައެޅި "އެންޓި-ސިސްޓަމް" ޒުވާނުންގެ ގުރޫޕްތަކުން ފިހާރަތަކުގެ ބިއްލޫރިގަނޑުތައް ތައްލައި، ތަކެތި ފޭރި، ފުލުހުންނަށް ޙަމަލާދޭން ފެށުމުން ފުލުހުން ވަނީ އާންމު މަސްލަޙަތާއި ވިޔަފާރިތައް ރައްކާތެރިކުރުމުގެ ގޮތުން އެމީހުން ހައްޔަރުކޮށްފައެވެ.
ކެޓަލޯނިއާގެ ސަރަޙައްދީ ސަރުކާރުގެ ރައީސް ސަލްވަޑޯ އިލިއާ ވަނީ މި ހަމަނުޖެހުންތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އޭނާ ވިދާޅުވީ، ޚިޔާލުފާޅުކުރުމާއި މުޒާހަރާކުރުމުގެ ޙައްޤަކީ މުދަލަށް ގެއްލުންދީ، ފޭރުމަށް އޮތް ފުރުޞަތެއް ނޫން ކަމަށާއި، ޤާނޫނާ ޚިލާފުވި އެންމެންނަށް ޙައްޤު އަދަބު ދެވޭނެ ކަމަށެވެ.

