އަލައްބާރަށް ފުރައްސާރަ ކުރުމުން ރާއްޖޭގައި ހުރި އިންވެސްޓްތަކަށް ގެއްލުންވެދާނެ: ނަޝީދު
ރަސްމާލޭގައި ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ހަވާލުކޮށްފައިވާ މައްސަލާގައި އެ ކުންފުނީގެ ޗެއާމަން މުހައްމަދު އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެކަމާ ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ރޭ ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެ މަޝްރޫއުއާ ގުޅިގެން އަލައްބާރަށް ފުރައްސާރަ ކުރުމަކީ ރާއްޖެއަށް ގެއްލުންހުރި ކަމެއް ކަމަށެވެ. އަދި އޭގެ ސަބަބުން މިހާރު ރާއްޖޭގައި ހުރި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ އިންވެސްޓްމަންޓްތަކަށް ވެސް ހުއްޓުން އަންނާނެ ކަމަށް ނަޝީދުގެ މެސެޖްގައިވެ އެވެ.
އަދި ކުރިން ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކުރީ ވެސް އެ ޕާޓީގެ ސިޔާސަތާ ދެކޮޅަށް ވާހަކަ ދެއްކެވުމުން ކަން ފާހަގަ ކުރައްވައި، ޕާޓީގެ ސިޔާސަތާ ދެކޮޅަށް އެމްޑީޕީގެ މެމްބަރުން ވާހަކަ ނުދެއްކެވުމަށް ނަޝީދު ނުސީދާކޮށް އެ މެސެޖްގައި އިލްތިމާސް ކުރެއްވި އެވެ.
އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވެފައި ވިޔަސް، އެ މަޝްރޫއުއާ ދެކޮޅަށް ނަޝީދު މަސައްކަތެއް ނުކުރައްވަ އެވެ. އަދި އެ މަޝްރޫއު ރާއްޖޭގައި ހިންގުމަކީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް މައްސަލައަކީ މާލެ ސަރަހައްދުގައި އެ މަޝްރޫއު ކުރިއަށް ގެންދިއުން ކަމަށް އެމަނިކުފާނު ކުރިން ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން އީގަލް ހިލްސްގެ މަޝްރޫއުއާ ގުޅިގެން އެމްޑީޕީން ކުރިން ބަޔާނެއް ނެރެފައިވާނެ ކަމަށް ނަޝީދު ފޮނުއްވި މެސެޖްގައިވެ އެވެ.
އެމްޑީޕީން ކުރިން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ބޭރުގެ އިންވެސްޓަރުންނަށް މަރުހަބާ ކިޔާ ކަމަށާއި ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ޕްރައިވެޓް ސެކްޓަރު ފުޅާކޮށް، މިނިވަން ވިޔަފާރީގެ ފުރުސަތުތައް އިތުރަށް ހުޅުވައިލުމުގެ ގޮތުން ހަރުދަނާ އުސޫލުތަކުން ކުރާ ކޮންމެ ކަމަކަށް ވެސް އެ ޕާޓީން ތަރުހީބުދޭ ކަމަށެވެ. އެކަމަކު އީގަލް ހިލްސްގެ މުއާމަލާތާ މެދު އެ ކުންފުނިން ރަސްމީކޮށް ހާމަކޮށްފައިވާ މައުލޫމާތާއި، ސަރުކާރުން މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތުގައި ދިމާނުވާ އެތައް ކަމެއް ހުރި ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ރަސްމާލޭގައި ތަރައްގީގެ ބޮޑު މަޝްރޫއުއެއް ހިންގަން އީގަލް ހިލްސްއާ ސަރުކާރުން ހަވާލުކުރަން ނިންމި ނިންމުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.