އަފްރިކާގައި ފެތުރެމުންދާ އެބޯލާ ރޯގާ ނައިޖީރިއާއަށް ފޯރައި، ފުރަތަމަ ބަލިމީހާ ފެނިއްޖެ!

އެފްރިކާގެ އެކި ގައުމުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ވައިރަސް، ނައިޖީރިއާގެ ވެރިރަށް އަބޫޖާއިން ފުރަތަމަ ފަހަރަށް ފެނިއްޖެކަން އެ ގައުމުގެ ސިއްހީ އިދާރާތަކުން ކަށަވަރުކޮށްދީފިއެވެ.
އަންހެނެއްގެ ހަށިގަނޑުން މި ވައިރަސް ފެނިފައިވަނީ ޔޫގަންޑާއިން ދަތުރުކުރުމަށްފަހު ނައިޖީރިއާއަށް އެތެރެވިފަހުންނެވެ. ނައިޖީރިއާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބަލިމީހާއާ ސީދާ ދިމާވި 44 މީހަކު މިހާރު ވަނީ ދެނެގަނެވި، ސިއްހީ އިދާރާތަކުގެ ހާއްސަ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ފަހަރުގެ އެބޯލާ ރޯގާ އެންމެ ފުރަތަމަ ފެށިގެން އައީ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އިންނެވެ. އެއަށްފަހު، މި ވައިރަސް ވަނީ ކެންޔާ އަދި ނައިޖީރިއާ ފަދަ ސަރަހައްދީ އެހެން ގައުމުތަކަށް ފެތުރެން ފަށާފައެވެ. ބައިނަލްއަގުވާމީ ސިއްހީ އިދާރާތަކުން ހާމަކުރާ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި އަފްރިކާގައި ފެތުރެމުންދާ އެންމެ ނުރައްކާތެރި އަދި ހަލުވި އެބޯލާ ރޯގާއެވެ.
ނައިޖީރިއާގެ ސަރުކާރުން ބުނެފައިވަނީ، މީގެ ކުރިންވެސް އެބޯލާ ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ އެ ގައުމުގައި ހުރުމާއެކު، ބަލި އިތުރަށް ފެތުރުނަނުދީ ހުއްޓުވުމަށް ސިއްހީ ނިޒާމު އޮތީ ތައްޔާރަށް ކަމަށެވެ.
އެބޯލާއަކީ ވައިރަހެއްގެ ސަބަބުން ޖެހޭ، ފުރާނައަށް ނުރައްކާތެރި އަދި ބަލިމީހާގެ ހަށިގަނޑުން ބޭރުވާ ދިޔާތަކެތީގެ ޒަރީއާއިން އިންސާނުންގެ މެދުގައި ފެތުރޭ ވަރަށް ބާރުގަދަ ބައްޔެކެވެ. މި ބަލިޖެހުމުން ގަދައަށް ހުންއައުމާއި، ވަރުބަލިވުމުގެ އިތުރުން އެތެރެހަށިންނާއި ބޭރުން ލޭއައިސް، ގިނަ ފަހަރަށް ފުރާނައަށް ނުރައްކާވެގެންދެއެވެ. ތާރީޚީ ގޮތުން މިއީ 1976 ވަނަ އަހަރުން ފެށިގެން އެފްރިކާގައި ތަފާތު ފަހަރުމަތިން ބޮޑެތި އައުޓްބްރޭކްތައް އުފެދި، 35،000 އަށްވުރެ ގިނަ މީހުންނަށް ޖެހި 15،000 އަށްވުރެ ގިނަ މީހުންގެ ފުރާނެ ގެއްލިފައިވާ ނުރައްކާތެރި ރޯގާއެކެވެ. މިއަދާ ހަމައަށްވެސް ދިވެހިރާއްޖެއިން މި ބަލިޖެހިފައިވާ އެއްވެސް މީހެއް ފެނިފައިނުވި ނަމަވެސް، ބައިނަލްއަގުވާމީގޮތުން ބަލި ފެތުރުނު ދުވަސްވަރު އެއާޕޯޓް ސްކްރީނިންގް އާއި ރައްކާތެރިކަމުގެ ހަރުދަނާ ފިޔަވަޅުތައް ރާއްޖޭގައި ވަނީ އަޅާފައެވެ.