އާރު ޑީ ސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކޮށްފި
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިން ޑިރެކްޓަރކަމުގެ މަގާމުންނާއި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކުރައްވައި، އެ ކުންފުނީގެ އެކްޓިން މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަޙުމަދު ސަޢުދީ އިއްޔެ އައްޔަން ކުރައްވައިފިއެވެ.
އިބްރާހިމް ނަޒީމް މަގާމުން ވަކިކޮށް، އާރްޑީސީގެ އެކްޓިން އެމްޑީގެ މަގާމަށް ސަޢުދީ އައްޔަން ކޮށްފައިވަނީ އިއްޔެއިން ފެށިގެން ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) ބުނެފައި ވެއެވެ.
ސަރުކާރު ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އެހެން ކުންފުނިތަކާ އެއްކޮށްލުމަށް ފަހު އުވާލަން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިމިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަނީ އިއުލާނު ކުރައްވާފައެވެ.
އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބަދަލުކުރިއިރު، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފައިވާ ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު އަފީފު ވެސް އިއްޔެ ވަނީ އެ މަގާމުން ވަކިކޮށްފައެވެ. މިކަމާ ގުޅޭގޮތުން ޕީސީބީގެ ރައީސް މުޙައްމަދު ނިޒާރު ވިދާޅުވީ، ފެނަކައިގެ އެމްޑީގެ މަގާމުން އަފީފް ވަކިކުރީ ވަކި ޚާއްސަ ސަބަބަކާ ގުޅިގެން ނޫން ކަމަށެވެ.
އަފީފް މަގާމުން ވަކިކޮށްފައި މިވަނީ، ފެނަކައިގެ މަސައްކަތްތައް ހުއްޓުމެއްނެތި ސްޓެލްކޯއާ ހަވާލުކުރުމުގެ މަރުހަލާތައް ވަރަށް ބާރަށް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.
ސަރުކާރުގެ ކުންފުނިތައް ހަރުދަނާކޮށް، ދައުލަތުގެ ބަޖެޓަށް ބުރަ ކުޑަކުރުމަށްޓަކައި ގެންނަން ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކުގެ ތެރެއިން، އާރްޑީސީގެ މަސައްކަތްތައް ވެސް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ޚަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅުތަކުގެ ނަތީޖާއެއް މިހާތަނަށް ފެނިފައެއް ނުވެއެވެ.
