އާރްޑީސީގެ އެމްޑީ ނަޒީމް މަގާމުން ވަކިކޮށް، ކުންފުނި ހިންގުން އެމްޓީސީސީގެ އެމްޑީއާ ހަވާލުކޮށްފި...
ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަޒީމް އެ މަގާމުން ވަކިކުރައްވައި، އާރްޑީސީ ވަގުތީގޮތުން ހިންގުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ސުޢޫދީއާ ހަވާލުކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި ނިންމުން ނިންމާފައިވަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި، ކުންފުނިތަކުގެ ހިންގުން ހަރުދަނާކުރުމަށް ސަރުކާރުން ފަށާފައިވާ އިސްލާޙީ ބަދަލުތަކުގެ ތެރެއިންނެވެ. މި ބަދަލާއެކު އާރްޑީސީގެ މަސައްކަތްތައް އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތްތައް ވަނީ ފެށިފައެވެ.
އެކި ނޫސް މަސްދަރުތަކުން ކަށަވަރުވާ ގޮތުގައި، އާރްޑީސީގެ އެމްޑީ ކަމުން ނަޒީމް ވަކިކުރެއްވުމަށްފަހު، ސަރުކާރުން ވަނީ އޭނާ މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަންގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ހަމަޖައްސަވާފައެވެ.
މީގެއިތުރުން، ސަރުކާރުގެ ކުންފުނިތައް އެއްކޮށްލުމަށް ނިންމާފައިވާ ނިންމުމުގެ ދަށުން ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުއައްޔަދު އަފީފްވެސް ވަނީ މަގާމުން ވަކިކުރައްވާފައެވެ. ފެނަކައިގެ ހިންގުން ބަދަލުކުރުމަށް ނިންމާފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ ދަށަށެވެ.
