7,000 ރުފިޔާއިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްލި އިނގިރޭސިވިލާތުގެ ފަތުރުވެރިޔާގެ ވާހަކަ ބައިނަލްއަޤްވާމީ ސަމާލުކަމަށް!
ރާއްޖެގައި އެތައް ހާސް ޑޮލަރެއް ހޭދަކުރަންޖެހޭ ރިސޯޓުތަކުގެ ނާމްދާރު މަޤްޞަދެއްގެ ގޮތުގައި މުޅި ދުނިޔެއަށް މަޝްހޫރުވެފައިވީ ނަމަވެސް، ވަރަށް ކުޑަ ޚަރަދަކުންވެސް ރާއްޖޭގެ ރީތިކަން ތަޖުރިބާކޮށްލެވިދާނެކަން އިނގިރޭސިވިލާތުގެ ފަތުރުވެރިޔަކު ވަނީ ސާބިތުކޮށްދީފައެވެ.
އިނގިރޭސިވިލާތުގެ "ދަ މިރަރ" އަދި "އެސްޑަބްލިއުއެންއެސް" (SWNS) ފަދަ މަޝްހޫރު ނޫސްތަކުގައި ފެތުރިގެންދިޔަ މި ވާހަކައިގައިވާ ގޮތުން، އުމުރުން 28 އަހަރުގެ ބަޖެޓް ޓްރެވަލަރު ނަތާޝާ ޓްލީ (Natasha Whitley) ވަނީ ވާވު އަތޮޅު ފުލިދޫގައި 3 ރޭ ހޭދަކޮށް، ހުރުމާއި، ކެއުމާއި އަދި ދަތުރުފަތުރާއެކު މުޅި ދަތުރަށް އެންމެ 344.50 ޕައުންޑު (ގާތްގަނޑަކަށް 7,000 ދިވެހި ރުފިޔާ) ހޭދަކޮށްފައެވެ.
މި ދަތުރުގެ ޚަރަދުތަކުގެ ތަފްސީލަށް ބަލާއިރު، ހެނދުނުގެ ނާސްތާއާއެކު 3 ރޭގެ ހުރުމަށް އޭނާ ހޭދަކުރީ 261 ޕައުންޑެވެ. އަދި ދަތުރުފަތުރަށް ބަލާއިރު، މާލެއިން ފުލިދޫއަށް އާންމު ފެރީގައި ދިއުމަށް އެންމެ 2.50 ޕައުންޑު (50 ރުފިޔާ) ހޭދަވިއިރު، އެނބުރި އައުމަށް ސްޕީޑްބޯޓަށް ހޭދަވީ 29 ޕައުންޑެވެ. މީގެއިތުރުން ކެއިންބުއިމުގެ ޚަރަދުތަކަށް ބަލާއިރު، ދިވެހި މަސްކަރީއާއި ގަރުދިޔަ ފަދަ އާދައިގެ ކާނާ ކެއުމަށް ކޮންމެ އިރަކު ހޭދަވެފައިވަނީ 7 އިން 10 ޕައުންޑާ ދެމެދުގެ އަދަދެކެވެ.
އޭނާ ފާހަގަކުރި ގޮތުގައި، ރިސޯޓުތަކުގައި އެކަކަށް އެތައް ހާސް ޕައުންޑެއް ހޭދަކުރާއިރު، މީހުން ދިރިއުޅޭ ރަށްރަށުގައި ތިބެގެން އެއް މޫދެއްގައި، އެއް ސަރަހައްދެއްގެ ގުދުރަތީ ރީތިކަން ތަޖުރިބާކޮށްލުމަކީ ބޮޑު ޚަރަދެއް ނުކޮށް ރާއްޖެއަށް ޒިޔާރަތްކުރަން ބޭނުންވާ މީހުންނަށް އޮތް އެންމެ ރަނގަޅު ފުރުސަތެވެ. މީގެ ކުރިން މާފުއްޓާއި ތުލުސްދޫއަށްވެސް ޒިޔާރަތްކޮށްފައިވާ ނަތާޝާ ވަނީ "ސޭލް ލޭޔައުޓް އެޑްވެންޗާސް" ގެ ނަމުގައި ބަޖެޓް ދަތުރުތައް ރާވާ ކުންފުންޏެއްވެސް އުފައްދާފައެވެ.
